މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ބާއްވާ ކޮޕް26 ސަމިޓްއަށް ވަޑައިގަތުމާއި މެދު ގޮތެއް ނުނިންމަވާ ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެއެވެ.

މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން އޮސްޓްރޭލިއާގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާއި މެދު ފާޑުކިޔުންތައް އަމާޒުވެފައިވާ މި ދަނޑިވަޅުގައި މޮރިސަން ވަނީ ސަމިޓަށް ދިޔުމަކީ ހަމަ އަނެއްކާ ވެސް ބޭރަށް ދަތުރެއްކުރުން ކަމަށް ވިދާޅުވެ ކަރަންޓީނުގައި އެކަމުގެ ސަބަބުން ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ކަމަށް ވިދާޅުވެފައެވެ. އަދި ސަމިޓަށް ދިޔުމާއި ގުޅޭގޮތުން ފަހުގެ ނިންމެވުން ނިންމަވާފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮޕް26 ވެގެންދާނީ ފަހުގެ ތާރީހެއްގައި މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން ބާއްވާ އެންމެ ބޮޑު ސަމިޓަށެވެ. އެގޮތުން ސްކޮޓްލޭންޑްގެ ގްލާސްގޯގައި 12 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މި ސަމިޓުގައި ދުނިޔެ ހޫނުވުން 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވިޔަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

އެހެން ނަމަވެސް މޮރިސަން ވަނީ އެމަނިކުފާނު އިސްކަންދެއްވަން ޖެހޭ އެހެން ކަންކަން ހުރި ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ކޮވިޑް ކޮންޓްރޯލް ކުރުމަށް އެގައުމުގައި އަޅާފައިވާ ފިޔަވަޅުތަކާއި ބޯޑަރުތައް އަލުން ހުޅުވާލުމާއި ގުޅޭގޮތުން ކުރަން ޖެހޭ ކަންކަން ކުރައްވަން އިސްކަން ދެއްވާނެ ކަމަށް މޮރިސަން ވަނީ ވިދާޅުވެފައެވެ.

އޮސްޓްރޭލިއާ އަކީ ދުނިޔޭގެ ނިސްބަތުން ކޯލް އާއި ގޭސް އެންމެ ގިނަ އަދަދަކަށް ބޭރު ކުރާ އެއް ގައުމެވެ. ކޮޕް26 ގައި 2030 ގެ ކުރިން މި އެކްސްޕޯޓްތައް މަދުކުރަން ނިންމާފައިވާ މިންވަރު އޮސްޓްރޭލިއާއިން ހާމަކުރަންޖެހޭނެއެވެ. 2050 ވަނަ އަހަރު އަންނަން ވާއިރަށް ޖައްވަށް ކާބަން ދޫކުރާ މިންވަރު ސުން އިންސައްތައަށް ގެނައުމަށް އެއްބަސްވެފައިވާ ގައުމުތަކުގެ ތެރޭގައި ވެސް އޮސްޓްރޭލިއާ ނުހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *