ސާކް ގައުމުތަކުގެ ދިދަތައް

މިހާރު ކުރިއަށްދާ އދގެ އާންމު މަޖިލީހުގެ 76 ވަނަ ޖަލްސާގެ ހަވާސާގައި ބާއްވަން ހަމަޖެހިފައިވާ ސައުތް އޭޝިއަން އެސޯސިއޭޝާން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ތާލިބާނުންނަށް ފުރުސަތު ދިނުމާމެދު ދެބަސްވެ، ބައްދަލުވުން ކެންސަލްކޮށްފިއެވެ.

ސާކްގެ މެމްބަރު ގަމުތަކުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ނޭޕާލް، ޕާކިސްތާން، ސްރީލަންކާ އަދި ރާއްޖޭގެ އިތުރުން އަފްޣާނިސްތާނެވެ. ކޮންމެ އަހަރެއްގެ ވެސް އދގެ އާންމު މަޖިލީހުގެ ހަވާސާގައި އެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް ބާއްވައެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު މި ބައްދަލުވުން ބާއްވާފައި ވަނީ އޮންލައިންކޮށެވެ.

ބައިނަލްއަގްވާމީ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ތާލިބާނުންނަށް ފުރުސަތު ދޭން ޖެހޭ ކަމަށް ބުނެ ވަކާލާތު ކޮށްފައި ވަނީ ޕާކިސްތާނުންނެވެ. ނަމަވެސް ޕާކިސްތާނުގެ މި ޑިމާންޑަށް ސާކްގެ ގިނަ ގައުމުތަކުން އެއްބަސްވެފައި ނުވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިމަހު 25 އަށް ތާވާލު ކުރި ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ނުބާއްވަން ނިންމާފައި ވާއިރު، އދގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔަ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ދެކުނު އޭޝިއާގެ އަވަށްޓެރި ގައުމެއްގެ ހައިސިއްޔަތުން އަފްޣާނިސްތާނުގެ މިއަދުގެ ހާލަތާމެދު ދިވެހިން ކަންބޮޑުވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ސޯލިހް ވިދާޅުވީ، އަފްޣާނިސްތާނުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ބޭނުންވެ ވަޑައިގަންނަވާ ކަމެއް ކަމަށާއި، އަންހެނުންނާއި، އަންހެން ކުދިންގެ ހައްގުތަކާއި، ސަލާމަތާއި ހިމާޔަތް، އެ ގައުމުގައި އޮތުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ. އަދި މިކަންކަން ހިފެހެއްޓި ކަށަވަރުވެފައި އޮތުމަށްޓަކައި، ރައްޔިތުން އިންތިޚާބު ކުރާ ސަރުކާރެއް، އެ ގައުމުގައި އޮތުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން އިންޚާބު ކުރާ ސަރުކާރަކާއެކު އަފްޣާނިސްތާނަކީ ދުނިޔޭގެ ގައުމުތަކާ ގުޅުން ބަދަހި، ހުރިހާ މާނައެއްގައި ކުރިއަރައިދާ ސުލްހަވެރި، އަމާން ގައުމަކަށް ވެވިދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.