އަލީ ވަހީދު ޝަހީދު ހުސެއިން އާދަމް ބިލްޑިންގ އިން ނިކުންނަވަނީ --

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ ގެނެވޭނީ އިނގިރޭސިވިލާތުން އޭނާ ޑީޕޯޓްކޮށްލުމުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ރާއްޖެ ގެނެވޭނެ މަގެއް ހޯދަން ފުލުހުން މަސައްކަތް ކުރަމުންދާއިރު، ސުޕްރީމްކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި އޭނާ ޖަލަށްލުމަށް އެ ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި 7 ދައުވާއެއް އޭނާގެ މައްޗަށް އުފުލާފައި ވާއިރު، ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑުމުން އެ ކޯޓުން ވަނީ ދެ މަހާއި 12 ދުވަހަށް އޭނާ ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

ހަމައެއާއެކު، އެ ހުކުމް ތަންފީޒު ކުރުމަށް އޭނާ ރާއްޖެ ގެނެސްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިފައެވެ.

އަލީ ވަހީދު ރާއްޖެ ގެނައުމާ ގުޅޭގޮތުން، ސީޕީ ހަމީދާ ހަވާލަދީ ރާއްޖޭގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝަރީއަތަށް ހާޒިރުނުވުމުގެ އެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ފުލުހުންނަށް ހޯދޭނެ ހަމައެކަނި މަގަކީ އިނގިރޭސިވިލާތުން އޭނާ ޑީޕޯޓް ކުރުމެވެ. އަލީ ވަހީދުގެ މައްޗަށް ކޮށްފައިވާ ހުކުމުގެ ބާވަތުން އޭނާ ރާއްޖެ ގެނައުމުގައި ދަތިތަކެއް ހުރިއިރު، ރާއްޖެއާ ޔޫކޭއާ ދެމެދު ޓްރީޓީ އެއްބަސްވުމެއްގައި ސޮއިކޮށްފައެއް ނޯވެއެވެ.

ސީޕީ އިތުރަށް ވިދާޅުވީ ރެޑް ނޯޓިހެއް ނެރެގެން ވެސް އަލީ ވަހީދު ރާއްޖެ ގެނެވިދާނެތޯ އާއި ޔޫކޭ ސަރުކާރުގެ އެއްބާރުލުން ލިބޭނެތޯ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. ރެޑް ނޯޓިސް ނެރެވޭނީ ވަކި ބާވަތެއްގެ ކުށްތަކަކަށެވެ. މައްސަލައިގެ ސީރިއަސް ކަމަށް ބަލައި ރެޑް ނޯޓިސް ނެރެވުނު ނަމަވެސް ނޯޓިސް އޮތީތީވެ މީހަކު ހައްޔަރު ކޮށްގެން ގެނެވެން ނޯންނަ ކަމަށް ސީޕީ ވިދާޅުވެފައި ވެއެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި 7 ދައުވާއެއް އުފުލާފައިވާ އަލީ ވަހީދު، ރާއްޖެއިން ފުރައިގެން ދިއުމަށް ޕާސްޕޯޓް ދޫކޮށްލާފައި ވަނީ 4 މަސް ދުވަހަށެވެ. މިދިޔަ ފެބްރުއަރީ މަހު 9 ވަނަ ދުވަހު އޭނާގެ ޕާސްޕޯޓް ދޫކޮށްލާފައި ވަނީ، ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ (އަޑުބަރޭ) ޖާމިނުވެގެންނެވެ. ނަމަވެސް 4 މަސްދުވަހުގެ މުއްދަތު ފަހަނައަޅާއި ދިޔައިރު އަލީ ވަހީދު ރާއްޖެ އައިސްފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.