ބޭސް ފިހާރައަކުން ބަޔަކު ހިދުމަތް ހޯދަނީ -- ފޮޓޯ: މިހާރު އޮންލައިން

ކޮވިޑް-19އާއެކު އާސަންދައިން ދިން ލުއިތައް އުވާލާ، އެއް ބޭސް ސިޓީއަށް ދެފަހަރު ބޭސް ދޫކުރާ އުސޫލު އުވާލައިފިއެވެ.

އާސަންދައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮވިޑް-19 އާއެކު ގައުމު ފުރަބަންދުކޮށް، އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދުމުގައި އާއްމު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން، ކުންފުނިން ދީފައިވާ އިރުޝާދުތަކަށް ބަދަލުގެންނަށް ނިންމާފައިވާ ކަމަށެވެ.

އާސަންދައިން ބުނީ ކޮވިޑް-19 އާއެކު ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ ފަރާތްތަކަށް ދޫކުރާ ކޮންމެ ބޭސް ސިޓީއަކަށް ދެ ފަހަރަށް ބޭސް ނެގޭ ގޮތަށް ކަނޑައެޅި އުސޫލު ބާތިލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން 1 އޮކްޓޯބަރު 2021 އިން ފެށިގެން މިފަދަ ބޭސްސިޓީތަކަށް ބޭސް ދޫކުރާނީ އެންމެ ފަހަރަކު ކަމަށާއި ދެވަނަ ފަހަރަށް ބޭސް ނެގޭނީ އަނެއްކާވެސް ޑޮކްޓަރު އާ ބޭސްސިޓީއެއް ލިޔެދެއްވެމުން ކަމަސް އެ ކުންފުނިން ބުނެއެވެ.

އާސަންދަ ކުންފުނިން ބުނީ، ކޮވިޑް-19 އާއެކު 1 ޖެނުއަރީ 2020 އިން ފެށިގެން އުފަންވެފައިވާ ހުރިހާ ކުދިންނަށް 28 ދުވަސް ވުމަށް ފަހުވެސް މަންމަގެ އައިޑީކާޑުން ޚިދުމަތް ދެމުން ގެންދިޔަ ކަމަށެވެ. ނަމަވެސް އެކަން ނިމުމަކަށް ގެނެސް 1 ނޮވެމްބަރު 2021 އިން ފެށިގެން، ކުރިންވެސް އޮތް އުސޫލާ އެއްގޮތަށް، ކުއްޖާއަށް 28 ދުވަސް ވުމަށް ފަހު އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ލިބޭނީ ކުއްޖާއަށް ވަކި އައިޑީ ކާޑެއް ހައްދައިގެން ކަމަށް އެ ކުންފުނިން ކަނޑައަޅާފައި ވެއެވެ.

ހަމައެއާއެކު މިވަގުތު އައިޑީކާޑު، ޕާސްޕޯޓް އަދި ޑްރައިވިން ލައިސަންސުގެ އަސްލު، ކޮޕީ އަދި ފޮޓޯއަށް އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދެމުން ދެއެވެ. ނަމަވެސް އާސަންދައިގެ އުސޫލަކީ އައިޑީ ނުވަތަ ޕާސްޕޯޓް ކާޑުގެ އަސްލަށް ޚިދުމަތް ދިނުމެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް އައިޑީކާޑު ހެއްދުމަށާއި އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ހޯދާއިރު ކާޑުގެ އަސްލު ދެއްކުމަށް އާސަންދަ ކުންފުނިން ވަނީ ހަނދާން ކޮށްދީފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.