ބޮޑެތި ގައުމުތަކުގެ މެދުގައި ދިވެހި ރާއްޖެއަށް މިއަދު މިވަނީ އިތުރު ބާރެއް ލިބިފައި ކަމަށް އދ ގެ އާންމު މަޖިލީހުގެ މި ދައުރުގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިރޭ ފެށި 76 ވަނަ އާންމު މަޖިލީހުގެ ޖަލްސާގެ ރައީސްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް އިސްވެރިންގެ ބަހުސް ފައްޓަވައިދެއްވަމުން ޝާހިދު ވިދާޅުވީ، ކުޑަ ގައުމެއް ގޮތުގައި ރާއްޖެ އޮތް ނަމަވެސް، އެމަނިކުފާނު މިއަދު ފަހަރުވެރިކަމާއެކު ޕޯޑިއަމްގައި ހުއްޓި ހުންނެވީ ބޮޑެތި ގައުމުތައް މެދުގައި ރާއްޖެއަށް ލިބުނު އިތުރު ބާރާއެކުގައި ކަމަށެވެ.

މިއީ ރާއްޖެއިން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ސަބަބުން ލިބުނު ބާރެއްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ހުރިހާ ދިވެހިން ދެއްވި އެއްބާރުލުމާއި، އެހީތެރިކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

އާންމު މަޖިލީހަށް އަލި އަޅުވާލައްވަމުން ޝާހިދު ވިދާޅުވީ، އެކި ކަހަލަ ހަމަނުޖެހުންތަކުގައި ދުނިޔެ ބެދި، އިންސާނުން ހާސް ކަމުގައި ވަށާލާފައި ވާއިރު، އިންސާނިއްޔަތު ކަމުގެ ބާރަކީ، ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމެއްގެ ދެމި އޮތުމާއިވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.

މިގޮތުން ޝާހިދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާއި، އޭގެ ސަބަބުން ދިމާވާ ގޮންޖެހުންތަކަށް އަނބުރާ ސަމާލުކަން ދޭން ޖެހޭ ކަމަށާއި، އަދި އިންސާނީ ހައްގުތައްވެސް ލިއްބައިދީ، ނެގެހެއްޓޫމުގެ އިތުރުން މުޖުތަމައުގައި ނިކަމެތި އަދި ބަލިކަށި ފަރާތްތަކަށް އަޅާލުމަށްވެސް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ.

އިސްލާހު ކުރުމުގެ އިތުރުން އިއާދަ ކުރުމަށް އދ އިން ކުރިޔަށްގެންދާ މަސައްކަތްތަކަށް ހުއްޓުމެއް ނުގެނެސް، ވިސްނުންތެރިކަމާއެކު ކުރިޔަށް ގެންދަން ޖެހޭ ކަމަށާއި، އދ ގެ ހުރިހާ ގުނަވަނެއްވެސް އެންމެ ފުރިހަމައަށް މަސައްކަތްކޮށް، މިއީ ހުރިހާ އެންމެން ކުރަމުން އަންނަ އުންމީދު ހަގީގަތަކަށް ހަދައިދޭންވީ ވަގުތު ކަމަށެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ އާންމު މަޖިލީހުގެ މި ދައުރުގެ ޝިޔާރަކީ "އުއްމީދުގެ ރިޔާސަތު" ކަމަށާއި، މިދައުރުގައި އެންމެ ބޮޑު އިސްކަމެއް އެމަނިކުފާނު ދެއްވާނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ހުރިހާ އެންމެންނަށް ވެކްސިން ފޯރުކޮށްދިނުމަށް ކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ހާސިލު ކުރުމެވެ. އަދި 3 ވަނަ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ދުނިޔޭގެ ގޮވާލުންތަކަށް ފެހި އަދި ނޫ އުސުލެއްގެ ތެރެއިން އިޖާބަ ދިނުމެވެ.

އިންސާނިއްޔަތުކަމަކީ ހުރިހާ ކަމެއްގެ އަސާސް ކަމުގައި ވާންޖެހޭ ކަން ބަޔާން ކުރައްވާ، ޝާހިދު ވިދާޅުވީ، 4 ވަނަ ކަމެއްގެ ގޮތުގައި އެންމެ އިސްކަމެއް ދެއްވާނީ ހުރިހާ އެންމެންގެ ހައްގުތަކަށް އިހުތިރާމް ކުރެއްވުމަށް ކަމަށެވެ. އަދި މިފަދަ ކަންކަން ހާސިލުކުރުމަށް އދގެ ދައުރު މުހިންމު ވާއިރު، އދގެ ރޫހު އިޔާދަ ކުރުމަކީ، ހާސިލު ކުރައްވަން ބޭނުންވާ 5 ވަނަ އުއްމީދުގެ ދޯދި ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވީ ދުނިޔެ އެދިއެދި ތިބީ ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ލިބުމަށް ކަމަށާ އެ ހައްލުތަކަށް ފޯރިދާނެކަން ހިތުގެ އެންމެ އަޑިން ފުރިހަމައަށް ގަބޫލުކޮށް އުންމީދުކުރައްވާ ކަމަށެވެ. އަދި ރާއްޖެ އަކީ އެފަދަ އުންމީދެއްގެ މިސާލެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.