ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވީ ސާބިތުކަންމަތީ ކަމަށާއި، އެމަނިކުފާނުގެ މައްޗަށް އެއްވެސް ކަމެއް ސާބިތުވާނެ ވަރުގެއް ހެއްކެއް އޮތް ނަމަ އެ ހާމަކުރުމަށް ރައީސް އޮފީހުން ބުނެފިއެވެ.

ޖިންސީ ފުރައްސާރައިގެ މައްސާލާގައި މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގައި އެމަނިކުފާނު ބައިވެރިވެފައިވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން "ޖަޒީރާ"އާ ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މިކަމަކީ މީގެ ކުރިން ވެސް ރައީސް ސޯލިހު ޖަވާބު ދެއްވާފައިވާ ކަމެއް ކަމަށެވެ. އެގޮތުން އަލީ ވަހީދު އަތުގައި ރައީސް ކޮމްޕްރޮމައިޒް ވާ ވަރުގެ ލިޔެކިޔުންތަކެއް ނުވަތަ މައުލޫމާތެއް އޮތް ކަމަށް ތުހުމަތުކުރުމުން ވެސް އެމަނިކުފާނު ވަރަށް ސާފުކޮށް ޖަވާބު ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ.

އޭރު ވެސް ރައީސް ވިދާޅުވި އެއްޗެއް އޮތިއްޔާ އާންމުކުރައްވާށޭ. މިހާރު ވެސް އެ ހުންނެވީ ހަމަ އެގޮތުގައި. އެފަދަ އެއްޗެއް ނޯންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބަ އޮތް.

މަބްރޫކް ވިދާޅުވީ އެވަރުގެ މައުލޫމާތެއް އޮތް ކަމަށް ތުހުމަތުކޮށް އެހާ ތަފްސީލްކޮށް ވާހަކަދައްކަވާއިރު، އެ ހެއްކެއް ހާމަނުކުރެވެންވީ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި އެއީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށް ވެސް ވިދާޅުވިއެވެ.

އަލީ ވަހީދު ތުހުމަތު ކުރެއްވި ގޮތުގައި އެމްއެމްޕީއާރްސީ ފައިސާގައި އޭރު އެމްޑީޕީގެ އެންމެ އިސްކޮށް ތިއްބެވި ފަސް ލީޑަރުން ހިއްޕެވި އެވެ. އޭރު ރައީސް ސޯލިހު ހުންނެވީ ޕާޓީގެ ޕީޖީ ލީޑަރެއްގެ ގޮތުގައެވެ. އަދި އޭރު އަލީ ވަހީދު ރާއްޖޭގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.