ރާއްޖޭގެ ސުކޫލެއްގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރަނީ -- ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ ހަކަތައިގެ ބިލަށް މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީން ގެނައި ބޮޑެތި އިސްލާހުތަކާއެކު ތަޅުމުން ބިލް ފާސްކޮށްފިއެވެ.

މި ބިލު ފާސްކޮށްފައި ވަނީ 43 މެންބަރުންގެ  ވޯޓާއެކުއެވެ. ހަކަތައިގެ ބިލަކީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު ހުށަހަޅުއްވާފައިވާ ބިލެކެވެ.

ކޮމިޓީ މަރުހަލާގައި މި ބިލަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ސަރުކާރުން މި ބިލުގައި ހިމެނި މަގްސަދުގެ އިތުރުން ކޮމިޓީން ބިލުގައި ހިމެނީ ހަކަތައިގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމާއި ކުރިއެރުވުމުގައި ދައުލަތުގެ އިދާރާތަކުގެ ޒިންމާތަކާއި ބާރުތައް ކަނޑައެޅުމާއި، ހަކަތައިގެ ޚިދުމަތްތައް ދިނުމުގެ ތެރެއިން ތިމާވެއްޓާއި އާއްމު ސިއްހަތަށް ލިބޭ ގެއްލުން ކުޑަކުރުމާއި ގުޅޭ ކަންކަމެވެ.

މީގެއިތުރުން، ރާއްޖެ ނެޓް ޒީރޯ ޤައުމަކަށް ހެދުމަށްޓަކައި ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތައަށް ރާއްޖޭގެ ހަކަތައިގެ ދާއިރާ ބަދަލުކުރުމަށް އެކުލަވާލަންޖެހޭ ޕްލޭން އެކުލަވާލުން ފަދަ މުހިއްމު ކަންތައްތައް ވެސް ހިމަނާފައިވެއެވެ.

ހަކަތައިގެ ބިލަށް ބޮޑެތި އިސްލާހުތަކެއް: ނިކަމެތިންނަށް ލުއި ގޮތްތަކެއް!

އެންވަޔަރަމެންޓް ކޮމިޓީން މި ބިލަށް ގެނައި އެންމެ މުހިންމު އެއް ބަދަލަކީ ޚިދުމަތްތައް ދިނުމުގައި ނިކަމެތިންނަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ގާނޫނަށް މާއްދާއެއް އިތުރުކުރުމެވެ. ކޮމިޓީން މި މާއްދާ އިތުރުކުރީ ކަރަންޓުގެ ޚިދުމަތަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ އަސާސީ ހައްގަކަށް ވާއިރު، ނިކަމެތިންނަށް ލުއި ގޮތްތަކެއް ހަމަޖެއްސުމަށްޓަކާއެވެ. އެގޮތުން ޚިދުމަތްދޭ ފަރާތްތަކަށް ލިބިފައިވާ ބާރުތައް ތަންފީޒުކުރުމުގައި އާއި، ޚިދުމަތް ގުޅައިދިނުމުގައާއި، ޚިދުމަތް ކަނޑާލުމާއި، ބިލް ދެއްކުމުގައި، ލުއި ގޮތްތަކެއް ހޯދަދޭން ޖެހޭނެ ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.