ހޯމަ ދުވަހުގެރޭ (ރޭ) ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، ސަރުކާރާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވިއިރު، އެ ވާހަކަތައް ވަޒީރުކަމުގައި ހުންނެވިއިރު ނުދެއްކެވީ ކީއްވެތޯ ސުވާލުކުރައްވައި، މަޤްސަދަކީ ޤައުމު ބައިބައިކުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ތުހުމަތުކުރައްވައިފި އެވެ.
ވަޒީރުކަމުގައި ހުންނެވިއިރު، އަންހެން މުވައްޒިފުންތަކަކަށް ޖިންސީ ގޯނާކުރެއްވި މައްސަލާގައި ވަޒީރުކަމުން ވަކިކުރެވުނުފަހުން ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވަނީ ސަރުކާރަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މައްޗަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާއި ގުޅުވައި ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އަދި މި ވެރިކަން ގެނައުމަށް ކުރެވުނު މަސައްކަތްތަކާމެދު ހިތާމަ ކުރައްވާ ކަަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
އޭގެއިތުރުން އަލީ ވަހީދު ވިދާޅުވީ ރަައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން މަސައްކަތް ކުރެވުނީތީ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަަމަށާއި، އޭނާ ވިދާޅުވީ ބުރަ މަަސައްކަތުން ގެނެވުނީ "ބޭއިންސާފު" ޝަރީއަތެއް ކަމަށެވެ. އަދި އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި ރައީސް ޔާމީނަށްގެ މައްޗަށް އެއްވެސް ދައުވާއެއް ނުކުރެވޭނެކަމަށް ވިދާޅުވި އެވެ.
އަންގާރަ ދުވަހުގެ (މިއަދުގެ) މަޖިލީސް ޖަލްސާ ފެށުމާއެކު އިދިކޮޅު މެމްބަރުން ވަނީ ނިޒާމީ ނުކުތާތައް ނަންގަވައި، އަލީ ވަހީދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ވާހަކަތައް ދައްކަވަން ފައްޓަވައިފަ އެވެ. އެގޮތުން އެއީ ކޮންމެހެން ދައްކަވަންޖެހޭ މުހިންމުޤައުމީ މައްސަލައެއްކަމަށް އެ މެމްބަރުން ގެންދެވީ ވިދާޅުވަމުންވެ.
އެ މެމްބަރުންގެ ވާހަކަތަކަށް ރައްދުދީ ވާހަކަދެއްކެވި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވަނީ އަލީ ވަހީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެމްޑީޕީގެ މެމްބަރުން ވިދާޅުވީ އަލީ ވަހީދު ކުރެއްވި ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނުވާކަމަށެވެ. އަދި ވަކިން ހާއްސަކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ގުޅުވައި ދެއްކެވި ވާހަކަތަކުގައި އެއްވެސް ހަޤީޤަތެއް ނުވާކަމަށް މެމްބަރުން ވިދާޅުވި އެވެ.
އަލީ ވަހީދުގެ އެ ވާހަކަތަކާއި، ތުހުމަތުތަކަކީޤައުމު ބައބައިކުރުމާއި، އަމިއްލަ މަސްލަހަތަށްޓަކައި ދެއްކެވި ވާހަކަތަކެއްގެ ގޮތުގައި ސިފަކުރައްވާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވިދާޅުވީ އެ ވާހަކަތައް އަލީ ވަހީދު ހާމަކުރެއްވީ ޤައުމަށް އޮތް ލޯތްބެއްގެ ސަބަބުންކަމުގައިވާނަމަ، އެ ވާހަކަތައް ދައްކަވާނީ ވަޒީރުކަމުގައި ހުންނެވިއިރުގައި ކަމަށެވެ. ނަމަވެސް ވަޒީރުކަން ގެއްލި، ބޮޑު ދައުވާއެއް ދައުލަތުން އުފުލާފައިވަނިކޮށް އަލީ ވަހީދު އެ ވާހަކަތައް ދެއްކެވި މައިގަނޑު ސަބަބަކީ އޭނާ ބޭނުންވެވަޑައިގެންނެވިގޮތަށް ޝަރީއަތަށް ރައީސް ސޯލިހް ނުފޫޒް ނުފޯރެވުވުންކަމަށް މެމްބަރުން ވިދާޅުވި އެވެ.
އެމްޑީޕީގެ މެމްބަރުން ވަނީ އަލީ ވަހީދު ކުރެއްވި ކަންތައްތަކުގެ މަތިން ހަނދާން ނެތުނީތޯވެސް ސުވާލުކުރައްވާފަ އެވެ.