2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 11 ވަނަ ޖަލްސާ، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރިއަށްދަނީ - ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ހެކީގެ އުސުލުތައް ތަފްސީލްކޮށްދޭ، ހެއްކާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ބިލްގެ ބަހުސް ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން ހެއްކާއިބެހޭ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުޣުނީ އެވެ.

ބިލް ހުށަހަޅުއްވަމުން މެމްބަރު ވަނީ ބިލްގައި ހިމެނޭ ބައެއް މުހިންމު ކަންކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ބިލް ހުށަހެޅުމުގެ މައިގަނޑު މަޤްސަދެއްކަމަށް މެމްބަރު ވިދާޅުވީ މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި، ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި، ކަމެއް ސާބިތުކުރުމަށް ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ ޢާންމު އުސޫލުތައް ކަނޑައެޅުން ކަމަށެވެ.

އޭގެއިތުރުން ހެއްކާއިބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަޤްސަދަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފްޞީލުކޮށް ކަނޑައަޅައިދިނުން ކަމަށް މެމްބަރު ވިދާޅުވި އެވެ. އަދި ހެކީގެ ބާވަތްތަކާއި، ހެކި ދަރަޖަކުރެވިގެންވާ ގޮތާއި، ގުޅުމަށް ބުރަވެ ހެކި ބައިކުރެވޭ ގޮތްތައް ބަޔާންކުރުންކަމަށެވެ.

ޤާނޫނުން ހާސިލްކުރަން ބޭނުންވާ މަޤްސަދުތައް:

  • ހެކި ހުށަހެޅުމާއި، ހެކި ބަލައިގަތުމާއި، ހެކިބަސް ނެގުމާއި، ހެކި ވަޒަންކުރުމުގެ މިންގަނޑުތައް ކަނޑައެޅުން
  • މަދަނީ މައްސަލަތަކުގައާއި ޖިނާއީ މައްސަލަތަކުގައި ކަމެއް ސާބިތުކުރުމަށް ބޭނުންވާ ހެކީގެ ނިސްބަތް ކަނޑައެޅުން
  • ހެކި ހުށަހެޅުމަކާ ނުލައި، ސާބިތުވެގެންވާ ކަންކަމުގެ ގޮތުގައި، ކޯޓުން ބަލައިގަންނާނެ ކަންކަން ބަޔާންކުރުން
  • ހެކީގެ ގޮތުގައި ހުށަނޭޅޭނެ، އިމްތިޔާޒް ލިބިގެންވާ ކަންކަން ބަޔާންކުރުން
  • ދައުލަތުގެ އިދާރާތަކުން ހިންގާ ތަޙްޤީޤުތަކާއި އެފަދަ ތަންތަނުން ބަލާ މައްސަލަތަކުގައި ކަމާގުޅުންހުރި ނިސްބަތަށް، މި ޤާނޫނުގެ އުސޫލުތައް ހިނގާނެ ކަމަށް ކަނޑައެޅުން

މާއްދީ ހެކީގެ ގޮތުގައި ބަލާނެ ހެކީގެ ބަވާތްތައް:

  • ކިތާބީ ހެއްކަށްވެސް، ނުވަތަ ޝަފަހީ ހެއްކަށްވެސް ނުވާގޮތުން، ވަކި ވާޤިޢާއެއް ސާބިތުކޮށްދިނުމަށް ހެކީގެ ގޮތުގައި ހުށަހަޅާ މާއްދީ އެއްޗެހި
  • ފޮރެންސިކް ހެކި
  • ވަކި މެޝިނަކުން ވަކިގޮތަކަށް ނެރެވޭ ނަތީޖާ ނުވަތަ ލޮގް
  • ފިލްމާއި، ޓޭޕާއި، ފޮޓޯއާއި އެފަދަ އެއްޗެހި
  • ސައިންޓިފިކް ދަލީލްތަކާއި ތަޙްލީލުތަކުގެ ނަތީޖާގެ
  • ކޯޓުގައި ހަދާ ނުވަތަ ދައްކާ ޑެމޮން އެކްސްޕެރިމަންޓުތަކާއި ގްރާފްތަކާއި ޗާޓުތައް
  • މެޝިން ބޭނުންކޮށްގެން ހަދާ ނުވަތަ ދައްކާ އެއްޗެހި

މިހާރު ރާއްޖެއިން އަމަލުކުރަމުންދަނީ 1976 ވަނަ އަހަރު އެކުލަވާލެވުނު ގާނޫނަކަށެވެ. މި ގާނޫނު އެކުލެވިގެންވަނީ އެންމެ 7 މާއްދާގެ މައްޗަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.