ސިވިލް ސާވީސް މުވައްޒަފުން ކަޅު ހެދުމުގައި މިއަދު ކުރި އިހުތިޖާޖުގެ ތެރެއިން-- ފޮޓޯ: ބަނޑިދޫ ސްކޫލު

ދިވެހި ސިވިލް ސާވެންޓްސް އެސޯސިއޭޝަންގެ ނަމުގައި ފޭސްބުކްގައި ހަރަކާތްތެރިވަނީ މޯލްޑިވްސް ސިވިލް ސާވެންޓްސް އެސޯސިއޭޝަނާ ގުޅުން އޮތް ބައެއް ނޫން ކަމަށް އެ ޖަމްއިއްޔާއިން ބުނެފިއެވެ.

ސިވިލް ސާވެންޓުންގެ ޖަމްއިއްޔާއިން މިހެން ބުނެފައި މިވަނީ، އެމީހުންގެ ނަމުގައި ފޭސްބުކްގައި ހަރަކާތްތެރިވާ ބަޔަކު ބަޔާންތަކެއް ނެރުމާ ގުޅިގެންނެވެ. އެ ޖަމްއިއްޔާއިން ބުނީ އެ ޖަމިއްޔާގެ ނަމުގައި ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އާންމު ކޮށްފައިވާ 2 ނޫސްބަޔާނަކީ ސިޔާސީ މަގްސަދުތަކެއް ހާސިލްކުރުމުގެ ބޭނުމުގައި ނެރެފައިވާ ނޫސް ބަޔާންތަކެއް ކަމަށެވެ.

ފޭސްބުކް ޕޭޖު ހިންގާ ބަޔަކު ނޫސްބަޔާން ނެރެފައި ވަނީ، އެމީހުންނަކީ ރަޖިސްޓަރ ކޮށްފައިވާ ބަޔަކު ނޫން ކަމަށް ބުނެ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނެރެފައިވާ ނޫސްބަޔާނަކަށް ރައްދު ދިނުމަށެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ހަމަހަމަ ކުރުމަށް ގޮވާލާ ވެސް ބަޔާނެއް ނެރެފައި ވެއެވެ.

މިކަމާ ގުޅިގެން ސިވިލް ސާވެންޓުންގެ ޖަމްއިއްޔާއިން ބުނީ، ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން ނަމުގައި ފޭސްބުކުގައި ސިވިލްސަރވަންޓްސް އިހްތިޖާޖު ކުރުމަށް ގޮވަމުންދަނީ އެ ޖަމްއިއްޔާއާ ގުޅުން އޮތް ބަޔަކު ނޫން ކަމަށެވެ. އަދި އެ ޖަމްއިއްޔާއަކީ ސިވިލް ސާވަންޓްގެ ހައްގުގައި މަސައްކަތްކުރުމުގެ ހެޔޮނިޔަތުގައި 22 ފެބުރުއަރީ 2009 ގައި ހޯމް މިނިސްޓްރީގައި އޭރު ރަޖިސްޓްރީކުރި ޖަމިއްޔާއެއް ކަމަށެވެ.

ނަމަވެސް އޭރު ޖަމްއިއްޔާ ރަޖިސްޓްރީ ކުރުމަށްފަހު 2009 ގައި ކޮންމެވެސް ވަރަކަަށް ބައެއް ހަރަކާތްތައް ހިންގުމަށްފަހު މިހާރު ޖަމްއިއްޔާގެ ފަރާތުން އެއްވެސް ހަރަކާތެއް ނުހިންގާ ކަމަށެވެ. އަދި އެ ޖަމިއްޔާގެ އެއްވެސް މުއައްސިސަކު މިހާރު ސިވިލް ސާވެންޓުންގެ ގޮތުގައި މަސައްކަތް ނުކުރާ ކަމަށް ވެސް އެ ޖަމްއިއްޔާއިން ބުނެއެވެ.

އެހެންކަމުން ފާއިތުވި 13 އަހަރުތެރޭ ސިވިލް ސާވެންޓުންގެ ޖަމިއްޔާގެ އެއްވެސް ހަރަކާތެއް ހިންގާފައި ނުވުމާއި، ޖަމިއްޔާގެ އެކްސްކޯ ޓީމް އެކުލަވާލާފައި ނުވުމާއި، އަދި ޖަމިއްޔާ އުފެއްދި މަގްސަދު ހާސިލްކުރުމަށް ކުރަންޖެހޭ އެއްވެސް ހަރަކާތެއް ހިންގާފައި ނުވާތީ އެ ޖަމިއްޔާއަށް ރަސްމީ އެއްވެސް ހައިސިއްޔަތެއް ލިބިފައިވާ ނުވާ ކަމަށް އެ ޖަމްއިއްޔާއިން ބުނެއެވެ.

ސިވިލް ސާވެންޓުންގެ ޖަމްއިއްޔާގެ ނަމުގައި ފޭސްބުކްގައި ހަރަކާތްތެރިވާ ބަޔަކު ގެންދަނީ ސިވިލް ސާވެންޓުން މަސައްކަތް ނުކުރުމަށް ގޮވަލަމުންނެވެ. އެގޮތުން މަސައްކަތް ހުއްޓާލާ، ކޮންމެ ދުވަހަކު އިހުތިޖާޖު ކުރުމަށް އެމީހުން ގޮވާލަމުން ދާކަން ފާހަގަ ކޮށްލެވެއެވެ.

1
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.