ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

ކުދިކުދި އިޖުރާއީ ސަބަބުތަކާހެދި ޓެރަރިޒަމް ފަދަ ބޮޑެތި ތުހުމަތުތަކުގައި ހައްޔަރު ކުރެވޭ މީހުން ދޫވުމަކީ ނުރައްކާތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުންނެވެ. އިންތި ވިދާޅުވީ ދާދިފަހުން ރާއްޖޭގެ ކޯޓަކުން ނިންމި ނިންމުމަކާ ހެދި، ހެއްކީގެ މުހިންމުކަން ބަލަން ޖެހޭކަން ސާފުވެގެން ދިޔަ ކަމަށެވެ.

އިންތި މިސާލު ޖެއްސެވީ، ރާއްޖެއިން އައިސިސް އަށް މީހުން ރެކްރޫޓް ކުރުމުގައި ހަރަކާތްތެރިވާ ކަމުގެ ތުހުމަތާއެކު ހައްޔަރު ކޮށްފައި ހުރި މުހައްމަދު އަމީން މިނިވަން ވުމަށެވެ. އޭނާ މިނިވަންވީ، ދައުވާކުރަން ކަނޑައެޅި މުއްދަތުގައި ދައުވާ ނުކުރުމުގެ ސަބަބުންނެވެ.

ބަހުސް ކުރައްވަމުން އިންތި ވަނީ، މިއީ މިގޮތަށް ވާންޖެހޭ މައްސަލައެއްތޯ ސުވާލު އުފައްދަވާފައެވެ. ހަމައެއާއެކު ހަރުދަނާ ވަރުގަދަ ހެއްކާއެކު ހައްޔަރު ކުރާ މީހުން ކުޑަކުޑަ އިޖުރާއީ ކަމަކާއަޅާ ވަޒަންކޮށް ދޫކޮށްލާ ދޫކޮށްލުމާއި މުއްދަތު ހަމަ ވުމުން އިތުރަށް ދައުވާ ނުކުރެވޭނެހެން ދޫކޮށްލުމަކީ ނުރައްކާތެރި ކަމެއް ކަން އިންތި ވަނީ ފާހަގަ ކުރައްވާފައެވެ.

މާއްދީ ހެކިތައް ހެކީގެ ގޮތުގައި ފެންނަން ހުއްޓާ، ތުހުމަތު ކުރެވޭ މީހުން ދޫކޮށްލާފައިވާ އެހެން މައްސަލައަކަށް އިޝާރާތް ކުރައްވާ އިންތި ވިދާޅުވީ ގއ. ހުޅުވާރުލުން ފެނުނު 149 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ވެސް ތިބީ މުޖުތަމައަށް ދޫވެފައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ މަސްތުވާތަކެތި އުފުލި ފަރާތްތަކުން އަމިއްލައަށް ގޮސް ހުޅުވާރުލުގައި އެތަކެތި ވަޅުލާފައި ހުރިތަން ދެއްކި ކަމަށެވެ. އަދި އެއީ ތިމަންނަމެން ނުދައްކާ އެއްޗެކޭ މިއަދާ ހަމައަށް ވެސް އެމީހުން ބުނެފައި ނުވާކަން ފާހަގަ ކުރައްވާ އިންތި ވިދާޅުވީ އެ ހުރިހާ ހެއްކަކާ އެކުވެސް އެމީހުން ދޫވެފައި ތިބީ އިޖުރާއީ ކުޑަކުޑަ މައްސަލައަކާ ހެދި ކަމަށެވެ.

އެހެންކަމުން ރަނގަޅު ހެކި ފެނުމުން އިޖުރާއީ ސަބަބުތައް މައްޗަށް ބަލައި އެއީ ހެއްކެއް ކަމުގައި ނުބަލާ ކަމުގައިވާނަމަ އެއީ ނުރައްކާތެރި މައްސަލައެއް ކަމަށް އިންތި ފާހަގަކުރެއްވިއެވެ. ހަމައެއާއެކު އިޖުރާއީ މައްސަލަތަކާ ހެދި، މައްސަލައެއްގައި ހޯދާ ހެއްކަކީ ގާނޫނާ ހިލާފަށް ހޯދާ ހެކި ކަމަށް މާ އާދައިގެ މިންވަރަކަށް ނިންމާލާ ކަމަށް އިންތި ވިދާޅުވިއެވެ.

އިންތި އިތުރަށް ވިދާޅުވީ ރާއްޖެއަށް ވުރެ މާ ފުޅާ ދާއިރާއެއްގައި ހައްގުތައް ކަށަވަރު ކޮށްފައިވާ ގައުމުތަކުގައި ވެސް އަމަލު ކުރަނީ އެގޮތަށް ނޫން ކަމަށެވެ. އަދި ރަނގަޅު ހަރުދަނާ ހެކި ހުރެއްޖެ ނަމަ އިޖުރާއީ ކުޑަ މައްސަލައަކާ ހެދި އޮޓޮމެޓިކުން ހެއްކަކީ ހެއްކެއް ގޮތުގައި ބަލައި ނުގަންނަ ގޮތަށް ނޯންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

0
0
0
0
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.