ފިޔަވަތީގައި ހަމަނުޖެހުން ހިނގަމުން އަންނަނީ އެތަނުން ހައެއްކަ ކުއްޖަކު އެކި ކަންކަމުގައި "ޓްރިގަރ" ވެގެން ކަމަށާއި، އެ ކުދިންނާ ވާހަކަދައްކާ އެކަންކަން ހައްލުކުރެވޭނެ މަގެއް ހޯދުމުގެ މަސައްކަތް މީގެ ދެ ދުވަސް ކުރިން ފެށިގެން ޖެންޑާ މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.

ފިޔަވަތީގައި ކުދިން ފުރާޅު މައްޗަށް އަރާ ހަޅޭއްލަވާ އެތަނުގެ ބިއްލޫރިތައް ތަޅާލާ މިރޭ ވަނީ އަލިފާން ވެސް ރޯކޮށްލާފައެވެ. ކުދިންގެ އަމަލުތައް މިހެން ހުންނަތާ ދެތިން ދުވަހެއް ވެފައިވާއިރު، މައުލޫމާތު ލިބިފައިވާގޮތުގައި އެކަންކަން ހިންގަމުން އަންނަނީ ފިޔަވައްޗަށް އަލަށް ގެންދިޔަ ދެތިން ކުއްޖަކާއި، އެތަނުގައި ދެން ތިބި ބައެއް ކުދިން އެކީ ގުޅިގެންނެވެ.

އެކަމާ ގުޅިގެން "ޖަޒީރާ" އާ ވާހަކަދައްކަވަމުން ޝިހާބު ވިދާޅުވީ އެތަނުގައި 113 ކުދިން މިހާރު ތިބޭ އިރު، އެއީ ހައެއްކަ ކުއްޖަކު އެއްވެގެން ކުރާ ކަމެއް ކަމަށެވެ. އަދި އެކަން އެހެން ހިނގަނީ ކުދިންނަށް ނަފްސާނީ ގޮތުން "ޓްރިގަރ"ވާ ކަންތައްތަކެއް ވެގެން ކަމަށެވެ. އެގޮތުން އެކުދިން ހިތް ނުތަނަވަސްވާ ނުވަތަ ނުރުހޭ އަދި އުނދަގޫ ވާ ކަހަލަ ވާހަކައެއް އަޑު އިވި އެފަދަ ކަމެއް ހިނގުމުން ކުދިން ހަލަބޮލި ވަނީ ކަމަށް ވިދާޅުވިއެވެ.

"ދެން ތަނުގެ ފުރާޅަށް އެރުން އެއީ ވަރަށް ފަސޭހަ ކަމެއް އިމާރާތް ހުންނަ ގޮތުން. މި ވާ ގޮތަކީ ފުރާޅަށް އަރާ ހިސާބުން އާންމުންނަށް އެބަ ފެނޭ މީހުން ކަންބޮޑުވެގެން އެއްވޭ. އެހިސާބުން ވީޑިއޯކޮށް ކުދިންނާ ވާހަކަދައްކާ ހަދަން ފެށީމަ ދެން އެކުދިންނަށް އެ ލިބޭ އެޓެންޝަން ވެގެން މިދަނީ އިތުރަށް މިކަންކަމަށް ހިއްވަރު ލިބޭ ކަމަކަށް." ޝިހާބު ވިދާޅުވިއެވެ.

އެހެންވެ އެ ސަރަހައްދަށް އެއްވެ ވީޑިއޯކޮށް ފޮޓޯ ނުނެގުމަށް ޝިހާބު ވަނީ އިލްތިމާސްކުރައްވާފައެވެ.

ފިޔަވަތި އިމާރާތްކޮށްފައި ހުންނަ ގޮތުން އެތަނުގެ ކުޑަދޮރުތައް ހުންނަނީ ފުރާޅަށް ނިކުމެވޭ ގޮތަށެވެ. އެހެންވެ ކުދިންނަށް ފުރާޅު މައްޗަށް ނުކުތުމަކީ ވަރަށް ފަސޭހަ ކަމެކެވެ.

ޝިހާބު ވިދާޅުވީ ކުދިންގެ ކަންކަން މިހެން ފާހަގަވާން ފެށީ ސްކޫލް ހުޅުވި ކުދިން ސްކޫލަށް ވެސް ދާން ފަށައި އާންމުންގެ ތެރެއަށް ނިކުންނަން ފެށި ފަހުން ކަމަށެވެ. "ޖަޒީރާ" އަށް މައުލޫމާތު ލިބިފައިވާގޮތުގައި ސްކޫލް ފަދަ ތަންތަނުން ކުދިންނަށް ތަފާތުކުރުން ގެންގުޅެ ކެޓަގަރައިޒް ވެފައިވާ ކަމުގެ ޝަކުވާ ކުދިން ކުރެއެވެ.

"ކުދިން އެބަ ބުނޭ އެހެން ކުދިން ބުނެއޭ ތީ ފިޔަވަތި ކުއްޖެއް ދޯއޭ. އެތަނުން ކޯއްޗެއް ހެއްޔޭ ކާން ދެނީ. ދެން ބައެއް ފަހަރު ބާކީކޮށް ހީނ މަލާމާތް ވެސް ކުރެއޭ." ނަން ހާމަ ނުކުރަން އެދި މައުލޫމާތު ދިން މީހަކު ބުންޏެވެ.

ޝިހާބު ވިދާޅުވީ ބެލެވޭ ގޮތުގައި ކުދިންގެ އުޅުމުން މިކަންކަން ފެނި އެ ބަދަލުތައް އައިސްފައިވަނީ ކުދިންނަށް އެފަދަ ކަންކަން ޓްރިގަރ ވުމުގެ ސަބަބުންނެވެ.

އޭނާ ވިދާޅުވީ މިއަދު މިނިސްޓަރ ވެސް އެތަނަށް ޒިޔާރަތްކުރި ކަމަށެވެ. އަދި ކުދިންނާ ބައްދަލުކޮށްފައިވާ ކަމަށެވެ. ޝިހާބް ވިދާޅުވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ލެވެލްގެ ބޭފުޅުން ވެސް މީގެ ދެ ދުވަސް ކުރިން ފަށައިގެން ކޮންމެ ދުވަހެއް ހޭދަ ކުރަމުން އަންނަނީ ފިޔަވަތީގެ ކަންކަން މޮނިޓަރކުރުމުގައި ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.