ސަރުކާރުން ހުޅުމާލޭގައި ހިންގަމުން އަންނަ ކުޑަކުދިންގެ ހިޔާ (ފިޔަވަތި)ގައި އަލިފާން ރޯކޮށްލައިފިއެވެ.
ޖެންޑާ މިނިސްޓްރީން "ޖަޒީރާ"އަށް ބުނީ މިކަމުގައި މިނިސްޓްރީގެ މުވައްޒަފުން ފިޔަވައްޗަށް އެޓެންޑްވެފައިވާ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއެވެ. އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާއެއް ފިޔަވަތީގައި ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިރޭ އިރު އޮއްސި 6:55 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފުން އެޓެންޑު ވި އިރު އަލިފާން ނިވާލާފައިވާ ކަމަށް ބުންޏެވެ.
އެއީ ކިހިނެތް ހިނގާދިޔަ ހާދިސާއެއްކަން ދެ އިދާރާއިން ވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
ފިޔަވަތީގައި އަލިފާން ރޯކޮށްލާފައި މިވަނީ އެތަނުގައި ހަމަނުޖެހުންތައް ހިންގާތާ ދެތިން ދުވަސްވެފައިވަނިކޮށެވެ. އެ ސަރަހައްދުން މަންޒަރު ފެނުނު ގޮތުގައި އެތަނުގައި ކުދިން ކުޑަދޮރުން ނުކުމެ ފުރާޅު މައްޗަށް އަރާ ހަޅޭއް ލަވައެވެ. އަދި ބޭރުން ހިނގާފައިދާ މީހުންނާ ހަޑި ހުތުރު ބަހުން މުއާމަލާތްކުރާ މަންޒަރު ވެސް ފެނިފައިވެއެވެ.
މިރޭ އެތަނުގައި ރޯކޮށްލި އިރު މިއަދު ހަވީރުން ފަށައިގެން ކުދިން ވަނީ ފުރާޅުތައް މައްޗަށް އަރާ ހަޅޭއް ލަވާ ހަދާފައެވެ. އަދި ބިއްލޫރިތައް ތަޅާލާ ބޭރުންދާ މީހުންނާ ދިމާލަށް އުކަން ވެސް އުކާފައިވެއެވެ.
މިކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން އަދި ވަކި އެއްޗެއް ނުބުނެއެވެ.
މިކަން މިހެން ހިނގަން ފަށާފައި މި ވަނީ މީގެ ހަފްތާއެއްހާ ދުވަސްކުރިން ފިޔަވަތީގައި ރޭގަނޑު ކުދިންތަކަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއްވެސް ފެންމަތިވި ފަހުންނެވެ. އެކަމަކު އެފަދަ އެއްވެސް ކަމެއް އޭރު ހިނގާފައި ނުވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައިވެއެވެ.
އެފަހަރު ވެސް މައްސަލަ ފެންމަތިވީ އެތަނުން ކުދިން ބޭރަށް ނިކުމެ ދޮރުގައި ތަޅާ އަނިޔާކުރަނީ ކަމަށް ބުނެ ހަޅޭއްލެވުމުންނެވެ.
އެތަނުގައި މިފަދަ ކަމެއް ހިނގާ ކޮންމެ ފަހަރަކު ވެސް ފުލުހުން އެ ސަރަހައްދަށް ދެއެވެ.