ކުނި ނުނެގުމުން ގޯސްވީ ވެމްކޯ، ރައްޔިތުންގެ ޒިންމާއެއް ނެތް؟

ވެމްކޯ މުވައްޒަފުން ރޭގަނޑު މަސައްކަތުގައި -- ފޮޓޯ: މިހާރު

އެހެން ދުވަސްތަކެކޭ އެއްފަދައިން ބުރާސްފަތި ދުވަހު ވެސް ހެނދުނު އޮފީހަށް ދާން ގެއިން ނިކުތީމެވެ. ނަމަވެސް އެހެން ދުވަސްތަކާ ހިލާފަށް މަގުމަތީގައި ކުނި ކޮތަޅުގިނަކަން ފާހަގަކޮށްލެވެއވެެ. ކޮންމެ 10 ފޫޓަކުން ކަހަލަ ގޮތަކަށް ކުނި ކޮތަޅުތައް ފުނި ފުންޏަށް ޖަހާފައި ހުއްޓާ ފެނުމުން ހިތަށް އެރިއެވެ. ރޭގަ ވެމްކޯ އިން ކުނި ނުނަގަނީބާއެވެ؟ ވެގެން މިއުޅެނީ ކީއްކަން އެނގުނީ، އޮފީހަށް ވަދެ ނޫސް ހުޅުވާލުމުންނެވެ.

ވެމްކޯގެ ހިދުމަތަށް ގެނައި ބަދަލުތަކަށް އާންމުން އަމަލު ނުކުރީއެވެ. ތަކުރާރުކޮށް މަގުމައްޗަށް ކުނި ނުނެރުމަށް އަދި ވެމްކޯ މުވައްޒަފުން ގޭގެއަށް ދާނެ ކަމަށް ބުނެފައި ވީ ނަމަވެސް މަގުމައްޗަށް ކުނި ނެރުނު މީހުން މަގުމައްޗަށް ކުނި ނެރުނީއެވެ. ވެމްކޯއިން އުސޫލު ބަދަލު ކުރިތާ ވީ އެންމެ ދެ ދުވަހެވެ. އެހެންކަމުން އައު އުސޫލާ ބެހޭ މައުލޫމާތު ރައްޔިތުންނަށް އެންމެ ރަނގަޅަށް ނޭނގުނީ ކަމަށް ވެސް ވެދާނެއެވެ.

ކޮންމެއަކަސް މިކަން ވީ ގޮތް ސާފު ކުރުމަށް ވެމްކޯއަށް ގުޅަން ނިންމައިފީމެވެ. ވެމްކޯއަށް ގުޅުމުގެ ކުރިން ޓްވިޓަރ ހުޅުވާލިއިރު ކަމަކުދާކަށް ނެތެވެ. މިއޮތީ ހުސް ކުންޏެވެ. މާލޭގެ އެކި އެކި މަގުތަކުގައި ފުނި ފުންޏަށް ހުރި ރަތް ކޮތަޅުތަކުގެ ފޮޓޯ އާންމުކޮށް އާންމުންގެ އެތައް ކަންބޮޑުވުމެއް ހިއްސާކޮށްފައި ވެއެވެ. ދެން ފެނުނީ މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެކެވެ.

މުއިއްޒުގެ ޓްވީޓުގައި ވިދާޅުވީ، މަގުމަތި ސާފުކޮށް ބޭއްވުމަށް ވެމްކޯ އަށް ފައިސާ ދީގެން ސިޓީ ކައުންސިލުން ކުރުވާ މަސައްކަތް ވެމްކޯ އިން ނުކޮށް ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުންކުރާކަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެ ކަމަށް ސިޓީ ކައުންސިލުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ފަސްޖެހި ވަޑައިނުގަންނަވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއަށްފަހު ފެނުނީ، މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ނިކުމެ މާލޭގެ ބައެއް މަގުތައް މަތީ ހުރި ކުނިތައް ނަގާ ސާފު ކުރުމުގައި ހަރަކާތްތެރިވާ މަންޒަރެވެ.

އޭގެ އިރުކޮޅެއް ފަހުން މާލެ ސިޓީ ކައުންސިލުގެ މުވައްޒަފުން ނިކުމެ ނެގި ކުނިތައް ވެމްކޯ ގޭޓު ކުރިމައްޗަށް އޮއްސާލާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވާން ފެށިއެވެ. ސިޓީ ކައުންސިލުން މި ކުރީ ހާދަ ނާތަހުޒީބު އަމަލެކޭ ހިތަށް އެރިއެވެ. އާންމުވި ވީޑިއޯތަކާއެކު މާލެ ސިޓީ ކައުންސިލުން ކުއްލި ބައްދަލުވުމަކަށް ކިޔާ، ވެމްކޯ ގޭޓު ކުރިމައްޗަށް ކުނިތައް އަޅާ، މުވައްޒަފުން ކުރީ ނާތަހުޒީބު އަމަލެއް ކަމަށް ބުނެ އެކަމަށް މައާފަށް އެދިއްޖެއެވެ.

ސިޓީ ކައުންސިލުން ކުރީ ހަމަ ގައިމުވެސް ވަރަށް ނާތަހުޒީބު އަމަލެކެވެ. ނަމަވެސް ރައްޔިތުން މިކުރީ އަދި މާ ނާތަހުޒީބު އަމަލެއްކަން އިހުސާސް ކުރެވުނެވެ. ވެމްކޯގެ ފަރާތުން މީޑިއާގައި ވާހަކަ ދައްކާ ކޮންމެ ފަހަރުހެން އެ ކުންފުނިން ފާޅު ކުރަމުންދާ ކަންބޮޑުވުން މަތިން ހަނދާންވެއެވެ. އެތައް ހާސް ބަޔަކު ވެމްކޯއަށް ދައްކަން ޖެހޭ ފީ ނުދައްކާ އޮތުމުގެ ސަބަބުން އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ވާހަކައެވެ.

ކިތަންމެ ގިނަ ބަޔަކު ފީ ނުދެއްކި ނަމަވެސް، ސަރުކަރު ހިއްސާވާ ކުންފުންޏަކަށް ވުމުން ހިދުމަތް ނުދީ ނުތިބެވެނެކަން ހާމަކޮށް ވެމްކޯއިން ކުރިން ފާޅު ކުރި ކަންބޮޑުވުންތައް މަތިން ހަނދާންވިއެވެ. ވެމްކޯއަސް ދައްކަން ޖެހޭ އެންމެ 150 ރުފިޔާގެ ފީ، އެތައް ހާސް ބަޔަކު ނުދައްކާ ތިބުމަކީ  ތޮށްޖެހިފައިވާ މާލެ ސިޓީ ސާފުތާހިރުކޮށް ބާއްވަން ވެމްކޯގެ މުވައްޒަފުން ކުރާ މަސައްކަތް ބަލައިނުގަތުންކަން އިހުސާސް ކުރެވުނެވެ.

ވެމްކޯގެ އުސޫލަކާ ހިލާފުވި މީހުންނަށް އެ ކުންފުނިން އެންމެ ދުވަހަކު ހިދުމަތް ނުދިނުމުން، އެކަން ބޮޑު ކަންތައްގަނޑަކަށް ވެގެން ދިޔައިރު، މީގައި އާންމު ރައްޔިތު މީހާ ޒިންމާވާން ހަމަ ނުޖެހެނީބައޭ ހިތަށް އެރިއެވެ. ފަރުދީ ޒިންމާއަކީ ވެސް އޮންނަ އެއްޗެކެވެ. ހިދުމަތެއް ދެވޭނީ އެޔަސް ކޮންމެވެސް އަގެއް އޮވެގެންނެވެ. ތެދެކެވެ. ސަރުކާރުން ރައްޔިތުންނަށް ފަސޭހަ ކޮށްދޭން ޖެހެއެވެ. އެކަމަކު އެތައް ސަތޭކަ ދިވެހި ދަރިންނެއް ވަޒީފާ އަދާ ކުރަމުންދާ ވެމްކޯ ފަދަ ކުންފުންޏަކުން ދޭ ހިދުމަތަކަށް ދައްކަން ޖެހޭ ކުޑަކުޑަ ފީއެއް ނުދެއްކުމަކީ ހަމަ ޒިންމާދާރުކަން ކުޑަވުން ނޫން ކޮންކަމެއްތޯއެވެ.

މާދަމާވެސް ވެމްކޯއަށް ދެކޮޅުނުޖެހި ބަންދުކޮށްލަން ޖެހިއްޖެނަމަ، ގޮނޑުވާނީ ހަމަ މާލެ ސިޓީއެވެ. ގެއްލޭނީ އެ ކުންފުނީގައި ވަޒީފާގައި އުޅުނު އެތައް ހާސް ދިވެހި ދަރިންނެވެ. ބިކަވާނީ ދިވެހި އާއިލާތަކެވެ. ނަމަވެސް މިއީ ރައްޔިތުން ގުޅިގެން ފަސޭހަ ކަމާއެކު ހައްލު ކުރެވޭނެ މައްސަލައެއް ހައްލުކުރަން ނޫޅުމުގެ ނަތީޖާއެވެ. ފެން ބިލު ނުދެއްކުމުން ފެން ކަނޑާލާ އުސޫލުން ކުނި ބިލު ނުދެއްކުމުން ކުނި ނުގެންދާ ގޮތަށް ވެމްކޯއަށް ހެދޭކަށް ނެތެވެ. ކުރެވެން އޮތީ އިލްތިމާސެކެވެ. ރައްޔިތުން ފަރުދީ ޒިންމާ އަދާކޮށް، ވެމްކޯއަށް ރަޖިސްޓްރީވެ، ހިދުމަތަށް ދައްކަން ޖެހޭ ފީ ދެއްކުމެވެ.

ވެމްކޯގެ ތަފާސްހިސާބުތަކަށް ބަލާލާނަމަ، މާލޭގައި 40،000 އެއްހާ ގޭބިސީ ހުރިއިރު، ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ކޮށްފައި ވަނީ 16000 ގޭބިސީންނެވެ. އޭގެ ތެރެއިން ޕެންޑިން ބިލްތައް 3 މަހަށް ވުރެ ގިނަ ނުވާ ކަސްޓަމަރުންގެ އަދަދަކީ އެންމެ 4000 އެވެ. ބާކީ 12000 ކަސްޓަމަރުންނަކީ 3 މަހަށްވުރެ ގިނަ މަހު ބިލް ނުދައްކާ ތިބި މީހުންނެވެ. ވެމްކޯގެ އުސޫލު އޮންނަ ގޮތުން ނަމަ މިހާރު އެ ކުންފުނިން ހިދުމަތް ދޭން ޖެހޭނީ އެކުންފުނީގައި ރަޖިސްޓްރީކޮށް، ބިލް ދައްކަމުންދާ 4000 ކަސްޓަމަރުންނަށެވެ.

މާލެއިން ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ކުރުމަށްފަހު ނުދައްކާ ހުރި ބިލްތަކުގެ އަދަދު 59 މިލިއަން ރުފިޔާއަށް އަރައެވެ. ވެމްކޯގެ ހިދުމަތަށް ރަޖިސްޓްރީ ނުކޮށް ވެސް ހިދުމަތް ހޯދަމުންދާ އެތައް ބަޔަކު އެބަ ތިއްބެވެ. މިއީ ވިސްނާލަން ޖެހޭ ކަމެކެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %