ހެއިޓީގެ ރައީސް ޔޮވެނެލް މޮއިސް އަވަހާރަކޮށްލި މައްސަލަ ބައްލަވަމުން ގެންދަވާ އިސް ޕްރޮސެކިއުޓަރ، ބެޑް ފޯރޑް ކްލައުޑް މަގާމުން ވަކިކުރަން އެގައުމުގެ ބޮޑު ވަޒީރު އަންގަވައިފިއެވެ.
މޮއީސް އަވަހާރަކޮށްލީ އެމަނިކުފާނުގެ ހަށިކޮޅަށް ބަޑިން ހަމަލާދީގެންނެވެ. އެމަނިކުފާނުގެ މަރާއި އެކު މުޅި ކެރީބިއަންގައި ސިޔާސީ ގޮތުން ހަމަނުޖެހުން އުފެދުނެވެ. އަދި އެމަނިކުފާނު އަވަހާރަކޮށްލިތާ ދެ ހަފްތާ ނުވަނީސް ބޮޑު ވަޒީރު ކަމަށް އޭރިއެލް ހެންރީ އައްޔަނުކުރިއެވެ.
ހެއިޓީގެ ވެރިރަށް ޕޯޓް އައު ޕްރިންސްގެ ޗީފް ޕްރޮސެކިއުޓަރު މަގާމުން ވަކިކުރަން ހެންރީ އެންގެވީ، ރައީސް މޮއިސްގެ މަރާއި ގުޅިގެން، ހެންރީއާއި ދެކޮޅަށް ދައުވާ ކުރަން ތައްޔާރުވަމުން ދަނިކޮށެވެ. ބޭރުގެ މީޑިއާ ތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ކްލައުޑް މަގާމުން ވަކިކުރަން އެންގެވީ ހެންރީއާއި ދެކޮޅަށް އުފުލޭނެ ދައުވާތަކާއި ގުޅިގެން ފަނޑިޔާރަކާއި އެކު މަޝްވަރާތައް ކުރިއަށް ދަނިކޮށެވެ. އަދި އޭނާ ވަނީ ހެންރީއަށް ގައުމުން ނުދެވޭނެ ކަން ކަށަވަރުކުރަން ހެއިޓީގެ އިމިގްރޭޝަނަށް ވެސް އަންގާފައެވެ.
މޮއީސް އަވަހާރަކޮށްލި ހާދިސާއާއި ގުޅިގެން އެތައް ބައެއްގެ މައްޗަށް ތަހުގީގު ހިންގައެވެ. އެހެންނަމަވެސް އެ ގައުމުގެ ތަހުގީގީ އިދާރާތަކުން އެންމެ އިސްކަމެއް ދީގެން ހޯދަމުންދަނީ މޮއީސް އަވަހާރަކޮށްލުމުގެ ހަމަލާ ރޭވި މީހާއެވެ. މިހާތަނަށް އެމަނިކުފާނު އަވަހާރަކޮށްލި ސަބަބު ހޯދިފައެއް ނުވެއެވެ.
މޮއީސްގެ މަރުގެ ޝަރީއަތަށް ހާޒިރުވާން ހެންރީއަށް އަންގާފައިވެއެވެ. މޮއީސްއަށް ކޯޓަށް ހާޒިރުވާން އެންގީ މޮއީސް އަވަހާރަކޮށްލިތާ މާގިނަ އިރެއް ނުވެ މި މައްސަލައިގައި ކީ ސަސްޕެކްޓް ނުވަތަ ތުހުމަތު ކުރެވޭ މީހާގެ ކޯލެއް ހެންރީއަށް ލިބިވަޑައިގަތުމުންނެވެ. އެހެންނަމަވެސް ހެންރީ އެއްވެސް އަޑުއެހުމަކަށް ވަޑައިގެންފައެއް ނުވެއެވެ.