ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 1600 އަށްވުރެ މައްޗަށް އަރައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ވަނީ ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ފުރަތަމަ ފަހަރަށް ދުވާލެއްގެ މައްޗަށް ރިޕޯޓްކުރެވުނު ކޭސްތަކުގެ އަދަދު 100 އަށް މައްޗަށް ގޮސްފަ އެވެ. އޭގެފަހުން ކޮންމެ ދުވަހަކުވެސް ރިޕޯޓްކުރާ ކޭސްތަކުގެ އަދަދުތައް އުޅެނީ 100 އިން މަތީގަ އެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން މާލެ ސަރަހައްދުން އެކަނި ވެސް 88 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ރަށްރަށުން 4 މީހުން އަދި ރިސޯޓުތަކުން 12 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ސަފާރީތަކުން އެކަކު ޕޮޒިޓިވްވެ 24 ގަޑިއިރުގެ ތެރޭގައި އިތުރު 105 ކޭސް ރިޕޯޓްކޮށްފައިވެއެވެ. އަދި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 2600 ސާމްޕަލް ނަގައި، ޓެސްޓުކޮށްފައިވެއެވެ.
މައުލޫމާތުތައް ދައްކާގޮތުން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދުތައްވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު 163 މީހަކު އެދުމަތިކޮށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ޖުމްލައަކީ 1644 އެވެ. މި ބަލިން މިހާތަނަށް ރާއްޖެއިން ވަނީ 14139 މީހަކު ރަނގަޅުވެފައެވެ.
ކޮވިޑްގެ އަދަދުތައް އަނެއްކާ ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް ފިޔަވަޅުތައް ހަރުކަށިކުރަން ވަނީ ފަށާފައެވެ. އެގޮތުން މިހާރުވަނީ މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފަތިހު 4 އަކަށް ކަރފިއު އިއުލާންކޮށްފައެވެ.