ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ރަޝީދުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. 

ރައީސް އޮފީހުން ބުނީ އިބްރާހިމް ރަޝީދު އަވާހަރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން އިބްރާހީމް ރަޝީދުގެ ދަރިކަނބަލުން އަލްފާޟިލާ ޢާއިޝަތު ރަޝީދުއާއި އަދި މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި ދަރިކަލުން މުޙައްމަދު ރަޝީދާ، ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި މި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވި ކަމަށެވެ. އަދި އެމަނިކުފާނު އަވަހާރަވުމަކީ، މުޅި ޤައުމަށް ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ. އޭގެއިތުރުން ޢާއިލާއަށް މި ލިބުނު ފުން ހިތާމައަށް ކެތްކުރެއްވުމުގެ ހިތްވަރު ދެއްވައި، މަރްޙޫމުގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދިވަޑައިގެން ދުޢާ ކުރެއްވިއެވެ.​ 

އިބްރާހީމް ރަޝީދުގެ މޫނުފުޅު ދެކެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ހެންވޭރު ކަރަންކާގެއަށް ޒިޔާރަތް ކުރެއްވިއެވެ. އަދި ޢާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވައި ތަޢުޒިޔާ ވިދާޅުވިއެވެ.

އިބްރާހީމް ރަޝީދު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހެންވޭރު ކަރަންކާގޭގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 92 އަހަރެވެ.

އިބްރާހީމް ރަޝީދު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފައެވެ.

އިބްރާހީމް ރަޝީދަކީ، ހުރަވީދަރިކޮޅުގެ ޝާހީ ރަސްކަމުގެ ޢާއިލާއާއި ވެރިކަމުގެ ޢާއިލާއިން ވަޑައިގެންނެވި ބޭފުޅެކެވެ. އިބްރާހީމް ރަޝީދު، ސަރުކާރުގެ ޚިދްމަތް ފަށްޓަވާފައިވަނީ، 24 ނޮވެމްބަރ 1942 ގައެވެ. 65 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވެއެވެ. ފުރަތަމަ އަދާކުރެއްވީ، ރައްޔިތުންގެ ބޮޑު އިސްޓޯރުގެ ކާތިބު ކަމެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ކާތިބެއްގެ ގޮތުން ޚިދްމަތްކުރައްވައި، ޤައުމީ ޚިދްމަތުގައި އެކި މަރުޙަލާތައްވަނީ ކަޑައްތު ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.