ކޮވިޑް-19 ބަލި ފެތުރުން ހަލުވިވުމާއި ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) ގެ ހިދުމަތްތަކަށް ބަދަލު ގެނެސްފިއެވެ.
އެ ހޮސްޕިޓަލުން މިއަދު ބުނެފައިވާ ގޮތުގައި، މިއަދުން ފެށިގެން އައިޖީއެމްއެޗްއަށް ވަންނަ ފަރާތްތަކުގެ ހުމާއި ރޯގާ ފަދަ ކޮވިޑްގެ އަލާމާތްތައް ހުރި ތޯ ސްކްރީން ކުރެވޭނެއެވެ. އަދި، މި ފަދަ އަލާމާތްތައް ހުރިނަމަ ފްލޫ ކްލިނިކަށް ދިޔުމަށް އިރުޝާދު ދެވޭނެކަމަށްވެސް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.
މީގެއިތުރުންވެސް، ދުރާލާ ރޭވިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ރޫޓީން އޮޕަރޭޝަންތައް މަދުކޮށް ގިނަ އޯޕީޑީތަކުގައި ބަލިމީހުން ބަލާ ގަޑި ހެނދުނު 08:00 އިން މެންދުރު 14:00 އާއި ދެމެދަށް ކުރުކުުރުމަށްވެސް ވަނީ ނިންމާފައެވެ.
އައިޖީއެމްއެޗް ގެ އިތުރުން އޭޑީކޭއިންވެސް ވަނީ ކޮވިޑާއި ގުޅިގެން މިފަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، އޯޕީޑީ ހުރިހާ ކޮންސަލްޓޭޝަންތަކެއް އޮންލައިންކޮށް ކުރިއަށްގެންދާ ގޮތަށް ބަދަލުކުރުމާއި، އިލެކްޓިވް ސާޖަރީތައް މިވަގުތައް މެދުކަނޑާލުމުގެ އިތުރުން ބަލިމީހުން އެޑްމިޓް ކުރުން މިވަގުތަށް މެދުކަނޑާލުމާއި އެޑްމިޓްކޮށްފައިވާ ބަލިމީހުންނަން ޒިޔާރަތްކުރުން ހުއްޓާލާފައިވާ ކަމަށް އޭޑީކޭއިން ވަނީ ބުނެފައެވެ.
އައިޖީއެމްއެޗް އޯޕީޑީ އިން ގިނަ ބަޔަކު ކޮންމެ ދުވަހަކުވެސް ހިދުމަތް ލިބިގަންނަމުންދާތީ، އެތަނުގައި އެއް ވަގުތެއްގައި މަޑުކުރާ ބަލި މީހުން މަދުކުރުމުގެ ގޮތުން އެޕޮއިންޓްމެންޓްތައް އެކި ގަޑިތަކަށް ބަހާލައިގެން ބަލި މީހުން ގެންނަ ގޮތަށްވެސް އެ ހޮސްޕިޓަލުން ވަނީ ނިންމާފައެވެ.
ކޮވިޑް-19 އަށް މިހާރު ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، އިއްޔެއަކީ ވިދިވިދިގެން ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން މަތީގައި ހުންނަތާ 7 ވަނަ ދުވަހެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާތީ، މާލެ ސަރަހައްދުގައި ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައްވެސް ހަރުކަށިކޮށްފައެވެ. އެގޮތުން، ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 04:00 އަށްވަނީ ކަރފިއު އެއް އިއުލާންކޮށްފައެވެ.