ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އެމަނިކުފާނު ކްރިމިނަލް ކޯޓުގައި އިންކާރު ކުރައްވައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެވެ. ރައީސް ޔާމީންގެ މައްޗަށް މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. ޕީޖީ އޮފީހުން ބުނީ، ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ.
އާދިއްތަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި، ދައުލަތުގެ ފަރާތުން ދައުވާ އިއްވުމުން، ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ޤާނޫނީ ވަކީލު ވަނީ ދައުވާތަކަށް އިންކާރުކުރައްވާފަ އެވެ. އަދި ވިދާޅުވީ ދައުވާތަކަކީ ރައީސް ޔާމީންގެ އަބުރުކަތިލުމުގެ ގޮތުން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
ޝަރީއަތް ނިންމާލާފައިވަނީ، ޝަރީއަތުގެ އަޑުއެހުމެއް ފެބުރުއަރީ މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ބާއްވާނެކަމަށް ގާޒީ ވިދާޅުވުމަށްފަހު އެވެ.
ރައީސް ޔާމީން މިހާރުވެސް ހުންނެވީ މަނީ ލޯންޑަރިންގ ދައުވާއެއް ސާބިތުވެ 5 އަހަރު ޖަލު ހުކުމެއް ތަންފީޒުކުރުމަށްޓަކައި މާފުށި ޖަލުގައެވެ. އެއީ، ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާކުރުމަށްފަހު، އެފައިސާ ރައީސް ޔާމީންގެ އެކައުންޓަކަށް ޖަމާކުރި މައްސަލާފައި އުފުލާފައިވާ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ.