ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާކުރުމަށް ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވި ނިންމެވުމުން މުއައްސަސާތަކާއެކު މުރާޖައާކުރުމަށްފަހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައިގެ ތަހުގީގު ކުރުމަށްފަހު އެންމެ ފުރަތަމަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީނުގެ އިތުރުން، މައްސަލައިގައި ހިމެނޭ އިތުރު 10 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ދައުވާ ކުރުމަށް ފޮނުވި އެއްވެސް މީހެއްގެ މައްޗަށް ސާބިތުވާ ވަރުގެ ހެއްކެއް ނެތް ކަމަށް ބުނެ، ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
މި މައްސަލަ ފޮނުވީ އެކަށީގެންވާ ހެއްކާއި ގަރީނާތަކާ އެކުގައި ކަމަށް ބުނެ އޭސީސީން ވަނީ ޕީޖީގެ މައްސަލަ ރިވިއުކޮށްދޭން އެދިފަ އެވެ. އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުން ވެސް މި މައްސަލަ ބަލާ، ޕީޖީގެ ނިންމުން އަލުން މުރާޖާކޮށްދިނުމަށް އެދި ހުށައެޅުމަށް ވެސް ފާސްކުރިއެވެ.
'ޖަޒީރާ' އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ މީޑީއާ އޮފިޝަލް ހަސަން މަނިކް ވިދާޅުވީ މި މައްސަލަ އަލުން ރިވިއުކުރުމަށްފަހު، ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އޭނާ ވިދާޅުވީ ޕީޖީ އޮފީހަށް މި މައްސަލަ ފޮނުވާފައިވަނީ މައްސަލަ އަނބުރާ ފޮނުވާލުމުން ޕީޖީ ފާހަގަކުރެއްވި ކަންތައްތަކަށް ރިއާޔަތް ކުރުމަށްފަހު އެ ކަންކަން އިތުރަށް ބެލުމަށްފަހު ކަމަށެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އޭސީސީން ފޮނުވާފައިވަނީ:
- ކުރީގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
- މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑިރެކްޓަރ (ބިޑް ކޮމިޓީގެ މެމްބަރު): މ.ހަޒާރީވިލާ / ކ.މާލެ، ފާޠިމަތު ލިމްޔާ
- މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް)، އަޙްމަދު އަސްލަމް
- މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުޙައްމަދު
- މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިޔުޓީ މިނިސްޓަރ، ނިޝާމާ މުޙައްމަދު ގއ.ދާންދޫ / ހަނދުވަރީވާދީ
- މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް، ޢަބްދުﷲ ޝަރީފް
- މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ، ކ.ގުރައިދޫ / ފަތިސްހަނދުވަރުގެ، ނައުޝާދު ޢަލީ
- މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމް
- މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ ޢަބްދުﷲ ހަފީޒް
- މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙުސައިން ނިޔާޒް
- މިނިސްޓްރީ އޮފް ހެލްތުގެ ބިޑް ކޮމިޓީގެ މެމްބަރު، ސ.ހިތަދޫ / ނޫރާނީހިޔާ، އާމިނަތު ޝައުފާ
ވެންޓިލޭޓަރު ގެނައުުމުގައި ހެލްތް މިނިސްޓްރީން ގޯސްތަކެއް ހަދާފައިވާކަން ފަޅާއެރީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުންކޮށްފައިވާ ހަރަދުތަކުގެ އޮޑިޓް ރިޕޯޓަކުންނެވެ. މި ރިޕޯޓުގައި ބުނާ ގޮތުން ވެންޓިލޭޓަރުތައް ގެންނަން ހަވާލު ކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ލަފާގެ މަތިން ހަމަޖައްސާފައިވާ ކުންފުންޏެއް ނޫނެވެ.
ވެންޓިލޭޓަރުގެ އިތުރުން މެޑިކަލް ސާމާނު ގެނައުމުގައި ވެސް އެތައް މިލިއަން ރުފިޔާއެއް މާލިއްޔަތު ގަވާއިދާ ޚިލާފަށް ޚަރަދު ކޮށްފައިވާކަންވެސް ފަޅާއެރިއިރު ޚަރަދުކުރި ފައިސާ އަށް މުދާ ލިބުނުކަން ވެސް ކަށަވަރުކުރެވިފައެއް ނުވެއެވެ.