ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ، ހ. ޒޮނެރިޔާ އިބްރާޙިމް ރަޝީދު އަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ، ކަރަންކާ ރަޝީދު އަވަހާރަވީ އުމުރުން 92 އަހަރުފުޅުގައެވެ. އެމަނިކުފާނު އަވަހާރަވުމުގެ ހިތާމާގައި ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމާފައިވަނީ ފެބްރުއަރީ ތިނެއްގެ ނިޔަލަށެވެ.
ކަރަންކާ ރަޝީދުގެ ބައެއް ހިދުމަތްތައް:
- ސަރުކާރުގެ ހިދުމަތާއި ފުރަތަމަ ގުޅިވަޑައިގެންނެވީ 1942 ނޮވެމްބަރު 24 ގައި
- ފުރަތަމަ ވަޒީފާ އަދާކުރެއްވީ "ރައްޔިތުންގެ ބޮޑު އިސްޓޯރު" ގައި، އެއީ ރައީސް އަމީން ވެރިކަމުގައި
- ވޯރާވިޔަފާރިވެރިންގެ އިޤްތިޞާދީ އަޅުވެތިކަމުން ރާއްޖެ މިނިވަންކުރުމަށް މަސައްކަތްކޮށްދެއްވި
- ރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯދައިދެއްވުމަށް އަމަލީގޮތުން މަސައްކަތްކުރެއްވި
- ވަޒީރުލްއައުޒަމްގެ ނައިބު (ޑެޕިއުޓީ ޕްރައިމް މިނިސްޓަރ) ކަން ކުރެއްވި
- ވަޒީރުއްދާޚިލިއްޔާ (މިނިސްޓަރ އޮފް ހޯމް އެފެއާޒް) ކަން ކުރެއްވި
- ވަޒީރުއްޞިއްޙަތު (މިނިސްޓަރ އޮފް ހެލްތު) ކަން ކުރެއްވި
އޭގެއިތުރުން އެމަނިކުފާނަކީ، ރައްޔިތުންގެ މަޖިލީހުގެ ޒަޢީމްކަމާއި، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް އިބްރާހީމް ރަޝީދަށް ވަނީ ލިބިވަޑައިގެންފައެވެ. ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް، އެމަނިކުފާނަށް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ.