އަދާލަތު ޕާޓީ އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމަށް އެޕާޓީގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޝެއިހް އިމްރާން މިހެން ވިދާޅުވީ އެމަގާމަށް އިންތިހާބުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓްގައި އިމްރާން ވަނީ ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ވޯޓު ދެއްވި ހުރިހާ މެމްބަރުންނަށް ޝުކުރު ދަންނަވާފައެވެ. އަދި ކެމްޕޭން ކުރައްވަން ލިބިވަޑައިގެންނެވި ކުޑަވަގުތުކޮޅުގެ ތެރޭގައި ބުރަކޮށް މަސައްކަތްކޮށްދެއްވި ކެމްޕޭން ޓީމަށް ވެސް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވިއެވެ.
އަދާލަތުގެ އިންތިހާބުގައި އިމްރާނާއި ވާދަކުރެއްވީ މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ. އިމްރާން ވަނީ ޑރ. ޒާހިރުއާއި އެމަނިކުފާނުގެ ޓީމްގެ ފުރިހަމަ އެއްބާރުލުން މި ދައުރުގައި ވެސް ލިބޭނެކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވެފައެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިމްރާނަށް ވަނީ ވޯޓުލީ މީހުންގެ 84.6 އިންސައްތަ ވޯޓު ލިބިފަ އެވެ. އެއީ 921 ވޯޓެވެ.
އިމްރާނާއި ވާދަކުރެއްވި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީއަށް ލިބިވަޑައިގެންނެވީ 15.35 އިންސައްތަ ވޯޓެވެ. އެއީ 167 ވޯޓު އެވެ.
މި އިންތިހާބުގައި ވޯޓުލާފައިވަނީ 1088 މެމްބަރުންނެވެ. އެ ޕާޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްޤު 6846 މެމްބަރުންނަށް ލިބިގެންވެއެވެ.