ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގެ ހަރަކާތްތައް ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިއަދު ފަށަައިފި އެވެ.
ކެމްޕޭނާއި ގުޅޭ މައުލޫމާތު ދިނުމަށް އެމްޑީޕީން ވަނީ މިއަދު އެ ޕާޓީގެ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ޕްރެސްކޮންފަރެންސް ގައި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ޗެއާޕާސަން ހަސަން ލަތީފްގެ އިތުރުން ކައުންސިލް އިންތިހާބުގެ ސްޕޯކްސްޕާސަން އަކަށް ކަނޑައެޅި މުހައްމަދު ސައިފް ވަނީ ބައިވެރިވެވަޑައިގެންފައިވެއެވެ. އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބަށް ގެންގުޅޭ ޝިޔާރަކީ ''ރަށްވެހި ފަތިސް'' އެވެ.
މީޑިއާތަކާއި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، ކެމްޕޭނުގެ އިދާރީ ކަންތައްތައް ބެލެހެއްޓުމަށް ސެންޓްރަލް ކޮމިޓީ އެއް އެކުލަވާލައި، ފަށާފައިވާ ކަަމަށެވެ. އޭނާ ވިދާޅުވީ، ކުރިޔަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި އަތޮޅު ތެރޭގައި ހިމެނޭ ކެމްޕޭނު ޓީމުތަކާއި މަޝްވަރާ ކުރެވި ކުރިންވެސް ކެމްޕޭނު ކުރަމުން އައި ގޮތަށް ފެށިގެންދާނެ ކަމަށެވެ.
''ކޮވިޑުގެ ހާލަތާއި ގުޅިގެން އަޅުގަނޑުމެން އެންމެ އެދެވޭ މިންވަރަށް ދަތުރުފަތުރުކުރުމުގެ ފުުރުސަތު ނުލިބި ހިނގައިދާނެ. އެހެން ނަމަވެސް ރަށްރަށުގެ ރައްޔިތުންނާ އެކު މަސައްކަތް ކުރަން އެއްވެސް ތަންކޮޅެއް ފަހަތަކަށް ނުޖެހޭނަން'' ހަސަން ލަތީފް ވިދާޅުވިއެވެ.
ކައުންސިލް އިންތިހާބު އެމްޑީޕީ އަށް ކާމިޔާބުވާނެ ކަމުގެ ކިހާ ޔަގީން ކަމަށް އެބައޮތްތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ، އެހެން އެއްވެސް ބަޔަކަށް ކުޑަކޮށް ޖާގައެއް ނުދީ އާބާދީގެ ގޮތުން ބޮޑެތި ރަށްތައް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުންނަމަ ނަން އަނބުރާ ގެންގޮސްފައިވާ ކެންޑިޑޭޓުންނާއި ނުލައި މިހާރު ތިބި ކެންޑިޑޭޓުންނާ އެކުވެސް ބޮޑު ތަނުން އެ ޕާޓީން އިންތިހާބު ކާމިޔާބު ކުރާނެއެވެ. އެމްޑީޕީގެ 37 ކެނޑިޑޭޓަކު ނަން އަނބުރަ ގެންގޮސްފައިވާއިރު މިހާރު ވާދަކުރަނީ 838 ކެންޑިޑޭޓުންނެވެ.
''މީގެ 70 ޕަސެންޓް ގޮނޑި އަޅުގަނޑުމެން ނަގާނަން. އޭޕްރީލް 10 ވަނަ ދުވަހު ރޭގަނޑު ތިބޭފުޅުން މިތާގައި ތިއްބަވާނެ ހަމަ އަޅުގަނޑުމެން ތިބެ މި ޕްރެސްކޮންފަރެންސް ދެއްވާނީ'' ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، ކޮވިޑާ ގުޅިގެން އިންތިހާބު ލަސްވެގެން ދިޔުމަކީ އެމްޑީޕީން އެއްވެސް ގޮތަށް އެދޭ ނުވަތަ ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އެ ޕާޓީ އަކީ އަބަދުވެސް އިންތިހާބުތަކަށް ކުރިމަތިލާން އަދި އިންތިހާބު އަވަސް ކުރުމަށް ބޭނުންވާ ޕާޓީއެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ކޮވިޑް-19 ކޭސްތަކެއް ފެނުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އާއި ރައީސް ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް އެމްޑީޕީން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކެމްޕޭނު ދަތުރުތަކެއް ކޮށްފައެވެ.
ވަގަށް ނެގޭނީ އެވަރު؟ އެއްކޮށްވެސް ނެގެންވާނެ. ހަމަ ގައިމު ވޯޓެއް ނުދޭނެ މީހަކު!