އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ މައްޗަށް އުފުލާފައިވާ ދައުވާ އަށް ޖަވާބުދާރީވުމަށްޓަކައި އިތުރު ފުރުސަތެއް ދިނުމަށް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އެދިވަޑައިގަންނަވައިފިއެވެ. 

އަދުރޭގެ މައްޗަށް ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ ކޮށްފައިވަނީ އާންމު ތަނެއްގައި ބޭއަދަބީ ބަސް ބޭނުންކޮށްގެން ވާހަކަ ދެއްކެވި މައްސަލައެއްގައެވެ. އެއީ ރައީސް އަބްދުﷲ ޔާމީންއަށް ހުކުމް އިއްވި ދުވަހު، އަދުރޭ، ކޯޓުގެ ގާޒީންނަށް މުހާތަބުކޮށް ދެއްކެވި ވާހަކައެއްގައެވެ.

އަދުރޭ ފުލުހަށް ހާޒިރު ކުރި ދުވަހެއްގައި ވެސް ހަޑިހުތުރު ބަހުން މުއާމަލާތްކޮށްފައިވާތީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވެއެވެ. އެ ދުވަހު ވެސް އަދުރޭ ވާހަކަ ދެއްކެވީ ލައިވް ޓީވީގައެވެ.

ހުތުރު ބަސް ބޭނުން ކުރުމުގެ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމަކަމަށްވާއިރު ކުށަށް އިއުތިރާފު ވެއްޖެ ނަމަ 27 ދުވަހުގެ ޖަލު ހުކުމަކަށް އަދަބު ކުޑަވެގެންދާނެއެވެ. 

ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން އަދުރޭގެ ވަކީލް ދައުވާއަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް އެދިވަޑައިގެންފައެވެ. އެއީ ލިޔެކިއުންތަކަށް އިތުރަށް ބެލުމަށްފަހު މުވައްކިލާއި އެކު މަޝްވަރާކުރުމުގެ ގޮތުން ކަމަށް ވަކީލު ވިދާޅުވިއެވެ. 

މައްސަލަ ބައްލަވާ ގާޒީ ވަނީ އަދުރޭ އަށް ޖަވާބުދާރީވުމަށްޓަކައި އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައެވެ. އެހެންކަމުން ދެން އޮންނަ ޝަރީއަތުގެ އަޑުއެހުމުގައި އޮންނާނީ ދައުވާ ލިބޭ ފަރާތް، ޖަވާބުދާރީ ވުމެވެ. އެހެންނަމަވެސް ދެން އަޑުއެހުމެއް އޮންނާނެ ވަކި ތާރީހެއް މައްސަލަ ބެއްލެވި ގާޒީ ކަނޑައަޅުއްވާފައެއް ނުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.