ފުލުސް ކޮމިޝަނަރުގެ މަގާމުގައި މުހައްމަދު ހަމީދު ހުންނެވުމަކީ ގައުމަށާއި، ރައްޔިތުންނަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޓްވީޓެއް ކުރައްވައިފިއެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދަޅުވީ ހަމީދަކީ ދައުލަތުގެ ސިއްރު، ހާމަކުރަން ނުޖެހޭ ފަރާތްތަކަށް ހާމަ ކުރިކަން ސާބިތުވެގެން ފުލުހުންގެ ވަޒީފާއިން ވަކި ކޮށްފައިވާ މީހެއް ކަމަށެވެ.
''މިފަދަ މީހަކު ފުލުހުންގެ ވެރިޔަކަށް ހުރުމަކީ މުޅި ދިވެހި ގައުމާ ރައްޔިތުންނަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް'' އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅުގެ މުޒާހަރާގެ ތެރެއިން ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ބޭއްވި ޝަރީއަތުގައި ފުލުހުން ބުނެފައިވަނީ އަދުރޭއަކީ މުޖްތަމައުގެ ސަލާމަތައް ހުރި ނުރައްކަލެއް ކަަމަށެވެ. ނަމަވެސް އެ ދުވަހު ކޯޓުން އަދުރޭ ދޫކޮށްލީ ނަމަވެސް ދޫކޮށްލީ، އޭނާ ބަންދުގައި ބަހައްޓަންޖެހޭ ހާލަތްތަކުގެ ތެރެއިން ހާލަތެއް ނެތްކަމަށް ބުނެ އެވެ.
ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ވަޒީފާއިން ހަމީދު ވަކިކުރީ 2012 ވަނަ އޮގަސްޓް މަހުގައެވެ. ވަޒީފާއިން ވަކިކުރި އިރު ޗީފް ސުޕްރިޓެންޑެންޓެއްގެ ރޭންކުގައި ހުރި ހަމީދު އޭރު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ހުކުމްކުރީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަނބުރާ ދިނުމަށެވެ.
ނަމަވެސް 2013 ވަނަ އަހަރު ސިވިލް ކޯޓުގެ ހުކުމް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ހުކުމްކުރީ ހަމީދަށް ފުލުހުންގެ ވަޒީފާ އަނބުރާ ދޭން ނުޖެހޭ ކަމަށާއި އެހެންވެ ސިވިލް ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ.
ފުލުސް ކޮމިޝަނަރުގެ މަގާމަށް ހަމީދު އައްޔަން ކޮޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހުއެވެ.