ދިވެހި ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހު ކޮވިޑް ވެކްސިންދޭން ފެށުމަށްކަން "ޖަޒީރާ" އަށް އެނގިއްޖެ އެވެ.

އިތުބާހުރި މަސްދަރުތަކުން އެކަން "ޖަޒީރާ" އަށް ކަށަވަރުކޮށްދީފައިވެއެވެ. އަދި މިވަގުތުވެސް އެކަމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި، އަތޮޅުތެރެޔަށް ވެކްސިން ފޮނުވުމުގެ އިންތިޒާމްތައްވެސް ނިމިފައިވާކަން އެނގިފަައިވެއެވެ. އެނގިފައިވާގޮތުގައި ބައެއް ސިއްހީ ހިދުމަތްތެރިންނަށް ވަނީ ވެކްސިންދޭން ފެށުމަށް ތައްޔާރުވެފައިވާކަމާއި، ފެބުރުއަރީ ފުރަތަމަ ދުވަހު ވެކްސިންދޭނެކަން އަންގާފަ އެވެ.

ރާއްޖޭގައި ފުރަތަމަ ދިނުމަށް ނިންމާފައިވަނީ "ކޮވިޝީލްޑް" ވެކްސިންއެވެ. މީގެ 50،000 ވެކްސިން އިންޑިއާ ސަރުކާރުން ހަދިޔާކޮށްފަ އެވެ.

"ކޮވިޝީލްޑް" ވެކްސިން ދިވެހިރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ 2021 ޖަނަވަރީ 26 ވަނަ ދުވަހު ދީފަ އެވެ. މި ހުއްދަ ދީފައިވަނީ ޙާލަތަށް ރިޢާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށް އެ އެތޯރިޓީން ބުންޏެވެ.

ވެކްސިން ބޭނުންކުރުމުގެ ހުއްދަދިންކަން ހާމަކޮށް ނެރުނު ބަޔާނުގައި އެމްއެފްޑީއޭގެ ބެލެނިވެރި ހެލްތު މިނިސްޓްރީން ބުނީ "ކޮވިޝީލްޑް" އަކީ، އިނގިރޭސިވިލާތުގެ އޮކްސްފަރޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިން، އެސް.އައި.އައި. އިން މެނުފެކްޗަރކޮށް ބާޒާރަށް ނެރެފައިވާ ބްރޭންޑްނަމެއް ކަމަށެވެ. އޮކްސްފޮރޑް-އެސްޓްރާޒެނެކާ ވެކްސިންއަކީ އިނގިރޭސިވިލާތުގެ ބްރިޓިޝް މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އެޖެންސީ 2020 ޑިސެންބަރު 30 ވަނަ ދުވަހު ހުއްދަކޮށްފައިވާ ވެކްސިންއެކެވެ.

މި ވެކްސިންއަކީ ދިވެހިރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިންއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އަދި ބައިނަލްއަޤްވާމީ އުސޫލުތަކުގެ ދަށުން ހެލްތް އެމަރޖެންސީ ޙާލަތުގައި ބޭނުންކުރުމަށް އައު ވެކްސިންތަކަށް ހުއްދަ ދޫކުރެވޭ މިންގަނޑުތަކަށް ދިވެހިރާއްޖޭގައި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންއަށް ހުއްދަ ދިނުމުގައި ފުރިހަމައަށް ރިޢާޔަތްކޮށްފައިވާނެކަމަށް ބަޔާނުގައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.