ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ބައިވެރިވި ކެނޑިޑޭޓުންގެ ތެރެއިން، 27 ޖެނުއަރީ އާ ހަމައަށް 167 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، ބުދަ ދުވަހާއި ހަމައަށް، ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިވި 104 ކެނޑިޑޭޓަކު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ބައިވެރިވި 63 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ނަން އަނބުރާ ގެންގޮސްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ.

އެމްޑީޕީގެ ކެނޑިޑޭޓުންގެ ތެރެއިން ކައުންސިލް އިންތިޚާބުގައި ބައިވެރިވި 37 ކެނޑިޑޭޓަކު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ބައިވެރިވި 40 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. ޕީޕީއެމްގެ ކެނޑިޑޭޓުންގެ ތެރެއިން ކައުންސިލް އިންތިޚާބުގައި ބައިވެރިވި 18 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ އިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ބައިވެރިވި 3 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ޖޭޕީއިން ބައިވެރިވި އަށް ކެނޑިޑޭޓަކު އަދި އެމްޑީއޭ އިން ބައިވެރިވި އެއް ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަމިއްލަ ގޮތުން މި އިންތިޚާބުގައި ބައިވެރިވި ކެނޑިޑޭޓުންގެ ތެރެއިން 40 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރަ ކޮމިޓީގެ އިންތިޚާބުގައި އަމިއްލަގޮތުން ބައިވެރިވި 20 ކެނޑިޑޭޓަކު ވަނީ ބުދަ ދުވަހާއި ހަމައަށް ނަން އަނބުރާ ގެންގޮސްފައެވެ.

އީސީއިން ވަނީ މި ދެ އިންތިޚާބުގައިވެސް ބައިވެރިވި ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދެވޭނެ ފަހު ތާރީޚު މިހާރު ކަނޑައަޅާފައެވެ. އެގޮތުން، މި ދެ އިންތިޚާބުގައި ބައިވެރިވި ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންދަން ބޭނުންވާ ކެނޑިޑޭޓުން ނަން އަނބުރާ ގެންދިޔުމުގެ ސުންގަޑިއަކީ މި ފެށޭ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހެވެ.

އޭޕްރިލް މަހުގެ 10 ވަނަ ދުވަހަކީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވާ ތާރީހުގެ ގޮތުގައި އީސީއިން ވަނީ ކަނޑައަޅާފައެވެ. އިލެކްޝަންސް ކޮމިޝަނުގެ ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބުގެ މަސައްކަތްތައް ރަސްމީކޮށް ފެށުމަށް ނިންމާފައިވަނީ 29 ޖެނުއަރީގައި ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.