މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިތުރު ތިން މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކަށް ދައުވާކޮށްފައިވާއިރު، ޕީގީ އޮފީހުން ބުނީ އެ މައްސަލާގައި އިތުރު ތިން މީހަކަށް ދައުވާ އުފުލާފައިވާ ކަމަށެވެ.
ދައުވާ އުފުލި މީހުން:
ފަހުމީ އަލީގއ. ވިލިނގިލި، ހުދުރުވާގެ
ދައުވާ : ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން
ގާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން
އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް:
ދައުވާ: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން
ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ގާނޫނުގެ 07 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން.
މ. ކުދެހިގެ، އިސްހާގު: އިސްހާގުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ.
ދައުވާ: ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުން
ގާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން.
ދައުވާ: ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން
ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ޤާނޫނުގެ 07 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން.
ދައުވާ: ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުން
ޤާނޫނު ނަންބަރު: 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 04 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި، (2) ވަނަ ނަންބަރާއި، އެ މާއްދާގެ (ނ) އާއި، އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން.
މި މައްސަލާގައި މީގެ ކުރިން ދައުވާ އުފުލާފައިވާ ހަތަރު މީހުންނަކީ ތަހުމީން އަލީ، އަލީ ހައިޝަމް، މުޖާޒް އަހުމަދު އަދި އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށެވެ. އަދުހަމް އަކީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ފަންޑު ކުރި މީހުން ހޯދުމަށްޓަކައި ތަހުގީގުކުރަމުންނެވެ. ޕީޖީ ވިދާޅުވީ މި މައްސަލައިގައި ދައުވާކުރެވޭ ވަރުގެ މައުލޫމާތެއް ލިބިއްޖެނަމަ، ކޯޓަށް ހުށައަޅައިގެން ކުރިއަށްގެންދާނެ ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް، އެމަނިކުފާނުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލާފައިވަނީ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ 8:20 ހާއިރު އެވެ. މި ހަމަލާ އެމަނިކުފާނަށް ދީފައިވަނީ، ގެއިން ނިކުންނަވާ، ކާރުކޮޅަށް އަރައިވަޑައިގަތުމަށް ދަނިކޮށް އެސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި ގޮވުމެއް ގޮއްވާލައިގެންނެވެ.