އަނގައިގެ ކެންސަރު، ހީނުކުރާހާވަރުގެ ސީރިއަސް ކަމެއް!

ކެންސަރު ބައްޔަކީ މިއަދު ދިވެހިންގެ ތެރޭގައި އާންމު ބައްޔެކޭ ބުނުމުން ސިހެންޖެހޭ ސަބަބެއް ނެތެވެ. ކެންސަރު ބަލީގެ ވޭން ތަހައްމަލް ކުރަމުންދާ އެތައް ބަޔަކު ރާއްޖޭގައި ވެސް އެބަތިއްބެވެ. މިބަލި ތަހައްމަލްކުރަމުންދާ މީހުންގެތެރޭގައި ތުއްތުތުއްތު ކުދިންވެސް އެބަތިއްބެވެ. އެހެންކަމުން މިއީ މިހާރު ސަމާލުކަންދޭންޖެހިފައިވާ ބައްޔެއްކަން އެބަ އެނގެއެވެ.

ކޮންމެ ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއްވެސް ނޫނެވެ. އަދި ކޮންމެ ބައްޔަކީ ވާރުތަކުރާ ބައްޔެއްވެސް ނޫނެވެ. ބައެއް ބަލިތަކަކީ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތަކުންވެސް އެބައްޔަކަށް ހުށަހެޅިދާނެ ބައްޔެކެވެ. އެގޮތުން ކެންސަރު ބަލީގެތެރެއިން އަނގައިގެ ކެންސަރަކީ ގިނަ ފަހަރަށް އެމީހެއްގެ އަނގައިގެ ސާފުތާހިރުކަމާ ވެސް ގުޅިފައިވާ ބައްޔެކެވެ.

އަނގައިގެ ކެންސަރޭ ބުނުމުން ކޮންމެ މީހަކުވެސް ބުނާނީ އަހަންނަކީ ދުފާ މީހަކަށް ނުވާތީ އެބަލި ނުޖެހޭނެ ކަމަށެވެ. އެކަމަކު ތިޔައީ ކުށްހީއެކެވެ. ދުފާ ނޫޅުނަސް ދުންފަތު އިސްތިއުމާލު ކުރާނަމަ އަނގައިގެ ކެންސަރު ޖެހިދާނެއެވެ. އަދި އަނގައިގެ ސާފު ތާހިރުކަން ކުޑަނަމަވެސް ކެންސަރަށް މަގުފަހިވެދާނެ އެވެ.

އަނގައިގެ ކެންސަރު ފެންނަނީ އަނގައިގެ ތެރޭގައި ފާރުކޮޅެއް ނުވަތަ ދިރުމެއް އުފެދި، ފިލައިނުގޮސް ގިނަ ދުވަސްވުމުންނެވެ. އަނގައިގެ ކެންސަރުގެ ތެރޭގައި ހިމެނެނީ ތުންފަތާއި، ދުލާއި، ކޮލާއި، މަތީ ތައްޔާއި، ތިރީ ތައްޔާއި، އަދި ކަރުގެތެރޭގައި އުފެދޭ ކެންސަރުތަކެވެ. އަނގައިގެ ކެންސަރުތަކަކީ ކުރީކޮޅު ބަލި ނުހޯދި ދިގުލައިފިނަމަ، ފުރާނައަށް ނުރައްކާވެދާނެ ކަންކަމެވެ.

އަނގައިގެ ކެންސަރުޖެހެން މެދުވެރިވާ ސަބަބު

ދުފުން:

ދުފުމުގެ ސަބަބުން އުފެދޭ ކެންސަރު އަބަދުވެސް ފެށިފައި ހުންނަނީ ހައްޕުޑު ގަނޑު ކޮލުގައި ބާއްވާ ހިސާބުގައެވެ. މީގެ ތެރެއިން ހައްޕުޑުގަނޑު އަނގައިގެ ތެރޭގައި ބާއްވައިގެން ނިދާ މީހުންނަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑެވެ. ދުންފަތް ލައިގެން ދުފާމީހުންނަށް ކޮލާއި، ކަރާއި، ތުންފަތުގެ ކެންސަރު ޖެހުމުގެ ފުރުޞަތު 50 ގުނަ އިތުރެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން:

ސިގިރޭޓް، ސުއްޓާ، ބިޑި، ގުޑުގުޑާ ފަދަ ތަކެތީގެ އެހީގައި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް އަނގައިގެ ކެންސަރު ޖެހުމުގެ ފުރުޞަތު 6 ގުނަ ބޮޑުކަމަށް ދިރާސާތަކުން ދައްކައެވެ. ރާއްޖޭގައި ހެދިފައިހުރި ބައެއް ތަފާސް ހިސާބުތަކަށް ބަލާއިރު އުމުރުން 8 އަހަރުގައި ބައެއް ކުދިން ކޮންމެވެސް ސިފައެއްގައި ނަމަވެސް ދުންފަތުގެ އަވާގައި ޖެހިގެންދެއެވެ.

ބަނގުރާބުއިން :

ބަނގުރާ ބޯމީހުންނަށް އަނގައިގެ ކެންސަރު ޖެހުމުގެ ފުރުޞަތު ރާ ނުބޯމީހުންނަށްވުރެ 6 ގުނަ އިތުރެވެ.

ޅައުމުރުގައި ގިނައިރު އަވީގައި އުޅުން:

ތުންފަތުގެ ކެންސަރު ގިނައިން ޖެހެނީ ގިނައިން އަވީގައި އުޅޭ މީހުންނަށެވެ.

· އަނގައިގެ ތެރޭގައި ފާރުކޮޅެއް އުފެދި ފަސޭހަނުވެ ގިނަ ދުވަސްވުން

· އާއިލާގެ މެންބަރެއްގެ ފުށުން ކެންސަރު ކުރިން ފެނިފައިވުން

· ހިއުމަން ޕެޕިލޯމާ ވައިރަސްގެ އަސަރު ހަށިގަނޑަށް ކުރުން

އަނގައިގެ ތެރޭގައިވަ ތެތްދުލިފަށް ތަކުގައި ކޭތޭގޮތަށް ދަތުގެ ތޫނު ތަންކޮޅެއް ހުރެއްޖެނަމަ، ދަތްޕިލާ ޖަހާފައިވާ މީހެއްނަމަ ދަތްޕިލާ ރަގަޅަށް ހަމަނުޖެހޭނަމަ، އަނގަ، ހިރުގަނޑު އަދި އަނގައިގެ އެހެންވެސް ތަންތަން ފާރުވާގޮތް ވެއެވެ. މިފަދަ ފާރުކޮޅެއް އުފެދި ފަސޭހަނުވެ ގިނަ ދުވަސްވާނަމަ އެތަނުގައި ކެންސަރު އުފެދޭގޮތް ވަރަށް ގިނަ ފަހަރު ދިމާވެއެވެ.

އަނގައިގެ ކެންސަރުން ރައްކާތެރިވާނީ ކިހިނެއް:

އަނގައިގެ ކެންސަރުން ރައްކާތެރިވުމަށް އެންމެ ފުރަތަމަވެސް ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުހެލިވެލާށެވެ. އަދި ތިބާ އަކީ ދުފާ މީހެއް ކަމުގައިވާނަމަ އެ އާދަ ވެސް ދޫކޮށްލާށެވެ. ބަނގުރަލަކީ މިހާރު ކުދިންނަށް ޓްރެންޑެއް ކަމަށް ހީވިޔަސް އެއީ ބުއިން ހަރާމްކުރައްވާފައިވާ އަދި އެއިން ގިނަގުނަ ގެއްލުންވާ އެއްޗެކެވެ. އަނގައިގެ ކެންސަރުން ސަލާމަތްވާން ބޭނުންނަމަ އެއާ ފެއަށްޖެހުން ނޫންގޮތެއް ނެތެވެ.

އާންމު ގޮތެއްގައި ދިވެހިންނަކީ އަވީގައި އުޅޭއިރު މާބޮޑު ހިމާޔަތެއް ހޯދައިގެން އުޅޭ ބައެއް ނޫނެވެ. ސީދާ އިރުގެ އަލި އައިސް ގައިގަ ޖެހޭ ގޮތަށް ގިނަ ވަގުތު ހޭދަކުރެވެނީ އެކަމަށް މާބޮޑު ފަރުވާލެއް ބެހެއްޓުމެއް ނެތިއެވެ. އެހެންނަމަވެސް މިއީ ފަރުވާ ބަހައްޓަންޖެހޭ ކަމެކެވެ. ސަބަބަކީ އަވީގައި ގިނައިރު އުޅޭ މީހުންނަށްވެސް ކެންސަރުޖެހުމުގެ ފުރުސަތު އޮތުމުންނެވެ. އެހެންކަމުން އަވީގައި އުޅުން މަދުކޮށް، ޚާއްޞަކޮށް ތުންފަތް އިރުގެ ދޯދިން ސަލާމަތްކުރަންޖެހެއެވެ.

އަނގައިގެ ކެންސަރުން ސަލާމަތްވުމަށް އަމިއްލައަށް އަނގައިގެ އެތެރެ މަހަކު އެއްފަހަރު ރަނގަޅަށް ބަލައިހެދުމަކީ ވަރަށް މުހިންމު ކަމެކެވެ. ޝައްކު އުފެދޭ އެއްވެސް ކަމެއް ނުވަތަ ތަފާތުކަމެއް ފާހަގަވާނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަކަށް ދައްކައި އެކަމެއް ދެނެގަންނަން ވާނެއެވެ. އަދި  ގަވާއިދުން ދަތުގެ ޑޮކްޓަރަށް ދެއްކުމަކީވެސް މުހިންމު ކަމެކެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published. Required fields are marked *

0 %