4 ވަނަ ކުއާޓަރގައި ސަރުކާރުގެ ވިޔަފާރި ކުންފުނި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް ޖުމްލަ އާމްދަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބި، ސާފު ފައިދާގެ ގޮތުގައި ވަނީ 91 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އެސްޓީއޯގެ 2020 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގެ ހިސާބުތައް ވަނީ އާންމުކޮށްފަ އެވެ.

އެ ހިސާބުތައް ދައްކާގޮތުން އެސްޓީއޯގެ 4 ވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 378 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރއާއި އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ.

ކުންފުނީގެ ހިންގުމުގެ ޚަރަދު، 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި ވަނީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރއާއި އަޅާބަލާއިރު ގާތްގަނޑަކަށް 4 އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ، ކޯވިޑްއަށް ރިޢާޔަތްކޮށް ކަސްޓަމަރުންނަށް ދީފައިވާ ކްރެޑިޓް މުއްދަތު އިތުރުކުރުމާއި ޕްރޮވިޝަން ހިސާބު ކުރުމަށް ބޭނުންކުރާ މިންގަނޑުތަކަށް ގެނެވުނު ބަދަލާއިއެކު ޕްރޮވިޝަންސް އިތުރުވުމެވެ.

އެސްޓީއޯގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ސާފު ފައިދާއަކީ 91 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރއާއި އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.

އެސްޓީއޯއިން ބުނީ އެ ކުނުްފުންޏަކީ ސަރުކާރުގެ އިތުރުން ޢާންމު ޙިއްޞާދާރުން ހިމެނޭ ކުންފުންޏަކަށްވާތީ އަދި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޭނުންވާ، ރައްޔިތުންނާއި ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏަކަށްވާތީ، ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ދާއިރާތަކަށް އިންވެސްޓްކުރުމަށާއި ހިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދިނުމަށްކަމަށެވެ.

ނިމިދިޔަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީއަކީ 7.2 ބިލިއަން ރުފިޔާއެވެ. ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރެވިފައި ވުމާއެކު ކުންފުނީގެ ޓެކްސްއަށް ކެނޑުމުގެކުރިން ސާފު ފައިދާގެ ގޮތުގައި 500 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެގޮތުގައި 410 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 35 އިންސައްތައިގެ ކުރިއެރުމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.