ޔަމަންގައި ކުރިއަށްދާ ހަނގުރާމައިގައި ސައުދީ އަރަބިއާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ކުޅެމުންދާ ދައުރާއި ގުޅިގެން އެ ގައުމުތަކަށް ހަތިޔާރު ވިއްކުން އިޓަލީ އިން ހުއްޓާލައިފިއެވެ.
ދުނިޔޭގައި ހަތިޔާރު އުފައްދާ އެންމެ ބޮޑު އެއް ގައުމް، އިޓަލީއިން ވަނީ ސައުދީ އަރަބިއާ އާއި ޔޫއޭއީ އާ ދެކޮޅަށް 18 މަހުގެ ސަސްޕެންޝަނެއް އިއުލާންކޮށްފައެވެ. މިކަން އިއުލާންކުރައްވަމުން އެ ގައުމުގެ ފޮރިން މިނިސްޓަރ ހުކުރު ދުވަހު ވިދާޅުވީ، މި ނިންމެވުމުގެ ސަބަބުން އިޓަލީއިން އިންސާނީ ހައްގު ރައްކާތެރިކުރުމަށް ދެއްވާ އަހަންމިއްޔަތު ވަރަށް ރަނގަޅަށް ހާމަވެގެންދާނެކަމަށެވެ.
އ.ދ އިން ލަފާކުރާ ގޮތުގައި ޔަމަންގައި މިހާރު ކުރިއަށް ދާ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ 80 އިންސައްތަ މީހުންވަނީ ހާލުގައި ޖެހި އެހީތެރިކަމަށް ބޭނުންވެފައެވެ. ސައުދީ އަރަބިއާ އާއި ހޫތީންނާއި ކުރެވޭ ހަނގުރާމައިގައި ޔަމަނުގެ އެތައް ހާސް ބަޔަކު މަރުވެފައެވެ.
އިޓަލީގައި ހަތިޔާރު ވިއްކުމާއި ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ލަފާކުރާ ގޮތުގައި، ހުކުރު ދުވަހު އިއުލާންކުރެވުނު ސަސްޕެންޝަނާއި އެކު 2016 ވަނަ އަހަރު 20،000 މިސައިލް ރައްދުކޮށްދިނުމަށް ވެވުނު އެއްބަސްވުމުގައި ބާކީ ނުދެވި ހުރި 12,700 މިސައިލްސް ކެންސަލް ކުރެވޭނެއެވެ. 2016 ވަނަ އަހަރު ވެވުނު އެއްބަސްވުމަކީ 485 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ.
2019 ވަނަ އަހަރުވެސް ޔޫރަޕިއަން ޔޫނިއަންގެ ބައެއް ގައުމްތަކުން ސައުދީ އަރަބިއާއަށް ހަތިޔާރު ވިއްކުން ހުއްޓާލިއެވެ. އިއްޔެ އިޓަލީގެ ސަރުކާރުން ނިންމާފައިވާ ނިންމެވުމާއި ގުޅިގެން ސައުދީ އަރަބިއާއިންވެސް އަދި ޔޫއޭއީއިންވެސް އެއްވެސް ބަހެއް ބުނެފައިނުވެއެވެ.
ސައުދީ އަރަބިއާއަކީ އިޓަލީއިން 10ވަނަ އަށް އެންމެ ގިނައިން ހަތިޔާރު ގަންނަ ގައުމެވެ. އެ ގައުމަށް 2019 ވަނަ އަހަރު އެކަނިވެސް އިޓަލީއިން ވަނީ 128 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކާފައެވެ.