ދުނިޔޭގައި ބާއްވާ އެންމެ މަގުބޫލު އެއް މިއުޒިކް ފެސްޓިވަލް ކަމަށްވާ 'ކޯޗެލާ" ނުބޭއްވުމަށް އެ ފެސްޓިވަލް އިންތިޒާމްކުރާ ފަރާތްތަކުން ނިންމައިފިއެވެ.
މިދިޔަ އަހަރު ވެސް މި ފެސްޓިވަލް ކެންސަލް ކުރީ ކޮވިޑާއި ގުޅިގެން ކަމަށްވާއިރު މިފަހަރު ވެސް ކެންސަލް ކޮށްފައިވަނީ ކޮވިޑާއި ގުޅިގެންނެވެ. ކެލިފޯނިއާގެ ރިވަރސައިޑް ކައުންޓީގައި ބާއްވާ މި ފެސްޓިވަލް މިއަހަރު ތާވަލްކުރީ އެޕްރީލް މަހު ކުރިޔަށް ގެންދިޔުމަށެވެ.
އެ ކައުންޓީގެ ޕަބްލިކް ހެލްތު އޮފިސަރަކު ހުކުރު ދުވަހު ހާމަކުރި ގޮތުގައި މުޅި ދުނިޔެ އާއި އެ ކައުންޓީގައި ވެސް ކޮވިޑްގެ ކޭސްތައް އަނެއްކާ ވެސް އިތުރުވަމުންދިޔުމާއެކު ފެސްޓިވަލް ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑްގެ ކޭސްއެއް މި ފެސްޓިވަލްގެ ތެރެއިން ފެނިއްޖެނަމަ ކޮންޓެކްޓް ޓްރޭސްކޮށް ބަލިޖެހިދާނެ މީހުން ހޯދުމަކީ ނުކުރެވޭނެއް ކަމެއް ކަމަށެވެ.
މިދިޔަ އަހަރު ވެސް އޮކްޓޯބަރު މަހާ ހަމަޔަށް ފެސްޓިވަލް ލަސްކުރި ނަމަވެސް ބޭއްވިފައިނުވާއިރު މިއަހަރު ފަހުން ފެސްޓިވަލް ބާއްވާން ރާވާފައިވާކަން ހާމަކޮށްފައެއް ނުވެއެވެ. މިދިޔަ އަހަރު އެ ފެސްޓިވަލްގައި ޕާފޯމްކުރަން ހަމަޖެހިފައިތިބި އާޓިސްޓުންގެ ތެރޭގައި ރޭޖް އަގައިންސްޓް ދަ މެޝީން، ޓްރޭވިސް ސްކޮޓް އަދި ފްރޭންކް އޯޝަން ހިމެނެއެވެ.
ރިޕޯޓްތައް ބުނާގޮތުން މިދިޔަ އަހަރު މި ފެސްޓިވަލް ކެންސަލް ކުރުމާއި ގުޅިގެން އެ ސަރަހައްދުގެ އިގްތިޞާދަށް 700 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ.