އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް އަދި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ ފޯރިގަދަ މެޗުގައި އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބަމަޔަންގއަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.
މިދިޔަ ހަފްތާގައި ސައުތުހެމްޓަންއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ވެސް އަމިއްލަ ސަބަބުތަކަށްޓަކައި އޭނާ ކުޅެފައެއް ނުވެއެވެ. ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓީމުގެ ކޯޗު މިކެލް އާޓެޓާ ވެސް ވަނީ އޭނާ ކުޅޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ބުނެފައެވެ. އަދި މިއަދު އެ ކްލަބުން ވަނީ މިރޭގެ މެޗުގައި ވެސް އޭނާ ނުފެންނާނެ ކަމަށް ބުނެފައެވެ.
ސައުތުހެމްޕްޓަން މެޗުގައި އަނިޔާވި މިޑްފީލްޑަރު ތޯމަސް ޕާޓޭއަށް މިރޭގެ މެޗުގައި ކުޅެވޭނެއެވެ. އަދި ޒުވާން މިޑްފީލްޑަރު ސްމިތު ރޯ ވެސް މިރޭގެ މެޗުގައި ކުޅުމަށް ވަނީ ފިޓު ވެފައެވެ.
މިރޭގެ މެޗާއި ކުރިމަތިލާއިރު މެންޗެސްޓަރ ޔުނައިޓެޑްއަށް ވުރެ 10 ޕޮއިންޓް ފަހަތުން އާސެނަލް އޮތީ ތާވަލުގެ ނުވަވަނައިގައެވެ.