ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކެއްގެ ގޮތުގައި ގެސްޓުހައުސްތައް ހޯދަން ޓޫރިޒަމް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ، ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތަކެއްގެ ގޮތުގައި ހަމަޖެއްސުމަށް ހުޅުމާލެއިން ތިން ޓޫރިސްޓުގެސްޓް ހައުސް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ، ފަތުރުވެރިން އަދި މިދާއިރާގައި މަސައްކަތްކުރާ މުވައްޒަފުން ކަރަންޓީންކުރުމަށާއި އައިސޮލޭޓްކުރަން ހުޅުމާލެއިން ތިން ޓޫރިސްޓް ގެސްޓުހައުސް ހޯދަން ނިންމާފައިވާ ކަމަށެވެ.
މި ތިން ގެސްޓު ހައުސްގައި ކަރަންޓީނު ކުރާނީ ޕޮޒިޓިވްވާ އަދި ކޮންޓްރެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަވާ ފަތުރުވެރިންނެވެ.
އެ ހިދުމަތް ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން އިއުލާނާއި އެއް ކަރުދާސްކުރެވިފައިވާ ލިޔުމާއި އެއްގޮތްވާ ގޮތުގެމަތިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފައެވެ. ހުށަހެޅޭ ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ ޕްރޮޕޯސަލްތައް ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި 10 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގައި ކަމަށް ޓޫރިޒަމްގެ އިއުލާނުގައި ބުންޏެވެ.
މަސްތަކެއްވަންދެން ބަލިޖެހޭ މީހުންގެ އަދަދު ދަށްވެފައި އޮތުމަށް ފަހު އަނެއްކާވެސް މިވަނީ ކޭސްތަކުގެ އިތުރުވުމެއް އައިސްފައެވެ. ފާއިތުވި ފަސް ވަރަކަށް ދުވަހުވެސް 100 އަށް ވުރެ ގިނަ ކޭސްތައް ވަނީ ރިޕޯޓް ކުރެވިފައެވެ.