މޭޔަރ މުއިއްޒު، ތުރުކީގެ ގުންގޮރެން ޑިސްޓްރިކްޓްގެ މޭޔަރާއެކު

މާލޭ ސިތީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު، ތުރުކީވިލާތަށް ކުރައްވާ ކައުންސިލްގެ ރަސްމީ ދަތުރުގައި ތުރުކީވިލާތުގެ ގުންގްރެން ޑިސްޓްރިކްޓްގެ މޭޔަރ ބުންޔާމީން ޑެމިރު އާއި ބައްދަލުކުރައްވައިފިއެވެ.

ގުންގޮރެން ޑިސްޓްރިކްޓް ގެ ކައުންސިލް އިދާރާގައި މި ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ ހަވީރުއެވެ. މި ބައްދަލުވުމުގައި ދެ ކައުންސިލުން ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައި ވެއެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ތަމްރީނު ކުރުމުގައި އެހީތެރިކަން ދެއްވާނެ ކަމަށް މޭޔަރ ބުންޔާމީން ވިދާޅުވެފައި ވެއެވެ.

މި ބައްދަލުވުމުގައި ދެފަރާތުން ހިންގާ ޕްރޮޖެކްޓްތަކާބެހޭ މައުލޫމާތު ބަދަލުކޮށް މި ޕްރޮގްރާމްގައި ހުރި ކަންތައްތަކުގެތެރެއިން އިސްލާހްކުރަންޖެހޭ ކަންކަމާއި، ދެފަރާތުން ތަޖުރިބާ ހިއްސާކުރެވޭނެކަންކަން ފާހަގަކުރެވުނެވެ.

މޭޔަރ މުއިއްޒުގެ މި ދަތުރުގައި ތުރުކީވިލާތުގެ އެކި ސިޓީތަކުގެ ކައުންސިލްތަކާ ބައްދަލު ކުރައްވާ، އެ ކައުންސިލްތަކާއެކު ސިސްޓަރ ސިޓީ ހެއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވަނީ ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ވިދާޅުވެފައެވެ. އަދި މާލޭ ސިޓީގެ ތަރައްގީއަށް ތުރުކީވިލާތުގެ ކަމާބެހޭ ބައެއް ފަރާތްތަކުން ފޯރުކޮށްދެވިދާނެ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައި އެހީ ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އެހީތެރިކަން ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މޭޔަރ ވިދާޅުވީ ކުރިއަށްއޮތްނުގައި ތުރުކީވިލާތުގެ އިތުރުން އެހެން ގައުމުތަކުގެ ކައުންސިލްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ އެހެން ކައުންސިލްތަކާއެކު ވެސް ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރައްވާނެކަމަށެވެ.

ތުރުކީވިލާތުގެ ކައުންސިލްތަކާ ގުޅުން ބަދަހިކޮށް ތަޖުރިބާ ހިއްސާކުރުމަށާ އަދި މާލޭ ސިޓީގެ ތަރައްގީއަށް ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށް ކުރައްވާ މިދަތުރުގައި މޭޔަރ ފުރަތަމަ ވަޑައިގެންނެވީ ތުރުކީވިލާތުގެ އިސްތަމްބޫލަށެވެ. މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ތުރުކީވިލާތަށް ކުރައްވާ މިދަތުރުގައި 6 ދުވަސް ހޭދަވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *