ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އެދޭ ފަރާތްތަކަށް މަހަކު 3000 ރުފިޔާގެ އެލަވަންސެއް ދޭ ގޮތަށް ނިންމާ، އުސޫލެއް އެކުލަވާލައިފިއެވެ. 

“ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ
ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު” ގެ ދަށުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އެހީއަށް އެދޭ ފަރާތްތަކާއި
އެހީ ފޯރުކޮށްދެވޭ ފަރާތްތަކުގެ ދަފުތަރު ބަލަހައްޓަންޖެހެނީ ޖެންޑަރ މިނިސްޓްރީންނެވެ. 

އެހީއަށް އެދެން ބޭނުންވާ ފަރާތްްތަކުން "ހާލަތު ބަދަލުވުމުގެ
ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް
އެދޭ ފަރާތްތަކުން އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމު" ފުރިހަމަ ކުރަން ޖެހެއެވެ. މި ފޯމު ލިބޭނީ މިނިސްޓްރީގެ ކައުންޓަރުންނެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ވެސް މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ. އުސޫލުގައި ބުނާގޮތުން މި  ފޯމު ހުށަހަޅަންޖެހެނީ އެހީއަށް އެދޭ
ފަރާތުން ވަޒަންވެރިވާން ބޭނުންވާ ރަށުގެ ކައުންސިލްގެ އިދާރާއަށެވެ.

އެހީ ހަމަޖެހުމަށްފަހު 6 މަސްދުވަހަށް، ކޮންމެ މަހަކަށް
އާއިލާއަކަށް އެސްޓަބްލިޝްމަންޓް ސަޕޯޓް އެލަވަންސްގެ ގޮތުގައި 3000 ރުފިޔާ ލިބޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވާއިރު ރީލޮކޭޓް ވުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދު ހަމަޖައްސައިދިނުމަށް
ވެސް އެހީ ފޯރުކޮށްދެވޭނެއެވެ. އަދި ގޯތި/އިމާރާތް މަރާމާތުކުރުމަށް ވެސް ކޮންމެވެސް ވަރެއްގެ އެހީއެއް ފޯރުކޮށްދިނުމުގެ އިތުރުން ގޭބީސީގައި ހިފައިގެންގުޅޭ ތަކެތި ހޯދުމަށް ވެސް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. 

މި ޕްރޮގްރާމުގެ ދަށުން މާލީ އެހީގެ ގޮތުގައި
ފޯރުކޮށްދެވޭނީ، އެހީއަށް އެދި ހުށަހަޅާ ފޯމުގައި ބޭނުންވާކަމަށް ފާހަގަ ޖަހައިފައިވާ
މާލީ އެހީތަކަށް ރިޢާޔަތްކޮށް، ކަނޑައެޅޭ އެހީގެ މިންވަރެއް ކަމަށް ގަވާއިދުގައި ވެއެވެ. 

މީގެއިތުރުން ރަސްމީ ތަޢުލީމު ހާސިލުކުރާ އުމުރުފުރައިގެ ކުދިންނަށް،
ބަދަލުވާ ރަށުގެ ސްކޫލުން ޖާގަ ހޯދައިދިނުމަށް، ދައުލަތުގެ
ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާއިރު ސްކޫލަށް ދިއުމަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދުމަށް ދަތިވާ
ފަރާތްތަކަށް ވެސް އެހީ ފޯރުކޮށްދެވޭނެއެވެ. 

މި ގަވާއިދުގެ ދަށުން ދަފުތަރުކުރެވި އެހީ ލިބެމުންދާ ފަރާތްތަކުގެ ހާލަތު،
އެހީ ލިބެން ފަށާތާ މަދުވެގެން 1 އަހަރުދުވަސް ވަންދެން،
މިނިސްޓްރީން މޮނިޓަރ
ކުރަމުން ގެންދާނެއެވެ. އަދި އެހީ ލިބެމުންދާ ފަރާތްތަކުން ވެސް ކޮންމެ ތިން މަހަކުން އެއްފަހަރު،
އެ ފަރާތްތަކުގެ ހާލަތު ބަޔާންކޮށް "ހާލަތު ވަޒަންކުރާ ފޯމު"، ދިރިއުޅޭ ރަށުގެ
ކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.