ގއ. ކޮލަމާފުށީގައި ގާއިމުކުރެވޭ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފިއެވެ. 

މި މަޝްރޫއު ފެށުމުގެ ގޮތުން އެ ރަށުގައި ރަސްމިއްޔާތެއް މިއަދު ހެނދުނު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު އިފްތިތާހު ކުރެއްވީ އެ ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ސައުދު ހުސެއިންއެވެ. 

މި ރަސްމިއްޔާތާއި ގުޅިގެން މެމްބަރު ކުރެއްވި ޓުވީޓެއްގައި ވަނީ މިއަދަކީ ކޮލަމާފުށި ރައްޔިތުން ޒަމާނީ ބަނދަރަކަށް ކުރަމުން އައި ދިގު އިންތިޒާރަށް ނިމުން ގެނުވި އުފާވެރި ދުވަސް ކަމަށެވެ. އަދި ބަނދަރުގެ އަމަލީ މަސައްކަތް ފެށުމާއި ގުޅިގެން އޭނާ ވަނީ ސަރުކާރުގެ އިސްވެރިންގެ އިތުރުން އެ ރަށުގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ.  

ކޮލަމާފުށި ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި 548 މީޓަރުގެ ބޭރުތޮށިލައި، 550 މީޓަރުގެ އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަތަރު ނެރުބައްތި ބަހައްޓައި، 28 ބަނދަރު ބައްތި ހަރުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން 66،330 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 5،750 ކިޔުބިކް މީޓަރު ގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި 404 މީޓަރުގެ ސަރަހައްދެއްގައި ރިވެޓުމެންޓު ޖަހައި 2،750 ސްކޮޔާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ގާއިމް ކުރާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.