ހުޅުމާލެ ދެވަނަ ފިޔަވައްސަށް ކަރަންޓުގެ ހިދުމަތް ދިނުމާއި ގުޅޭގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއިއެކު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޝްވަރާކޮށްފި އެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ކަރަންޓުގެ ހިދުމަތް ދިނުމާއި ގުޅޭގޮތުން އެ ކުންފުނީގެ އިސްވެރިން ވަނީ އެޗްޑީސީގެ އިސްވެރިންނާއެކު، ބުރާސްފަތި ދުވަހު ބައްދަލުވުމެއް ބާއްވާފައިކަމަށެވެ. އަދި މި ބައްދަލުވުމުގައި އެމްޑަބްލިޔުއެސްސީގެ އިސްވެރިންވެސް ވަނީ ބައިވެރިވެފައިކަމަށް ސްޓެލްކޯ އިން ބުންޏެވެ. 

އެ ކުންފުނިން ބުނީ އެޗްޑީސީއާއެކު ކުރެވުނު މަޝްވަރާތަކަކީ އުމްމީދީ މަޝްވަރާތަކެއްކަމަށެވެ. އަދި ވަރަށް އަވަހަށް މި މަސައްކަތްތައް ނިމި، މި ހިދުމަތްތައް ރައްޔިތުންނަށް ލިބިގެންދާނެކަމަށް ސްޓެލްކޯ އިން ބުންޏެެވެ. ނަމަވެސް ދެވަނަ ފިޔަވައްސަށް ކަރަންޓު ފޯރުކޮށްދިނުމުގައި ދިމާވި މައްސަލައަކީ ކޮބައިކަމެއް، އަދި އުއްމީދީ މަޝްވަރާކުރީ ސީދާ ކޮންކަމަކާއި ގުޅޭގޮތުން އެ ކުންފުނިން އެއްވެސް އެއްޗެއް ހާމަކޮށްފަ އެއް ނުވެ އެވެ. 

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ބޮޑު އާބާދީއެއް ދިރިއުޅުމަށް އިމާރަތްތައް ކުރަން ފެށިއިރު، އަބްދުﷲ ޔާމީންގެ ސަރުކާރުން އެޔާއެކު އަންނަންޖެހޭ އެހެން ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައެއް ނުވެ އެވެ. ދެ ވަނަ ފިޔަވަހީގައި ސުކޫލެއްވެސް ނެތްއިރު، ސުކޫލެއް އިމާރަތްކުރުމަށް ވަނީ ކުންފުންޏަކާ އެޑިއުކޭޝަނުން ހަވާލުކޮށްފަ އެވެ. އޭގެއިތުރުން ބަސް ސްޓޮޕްތަކާއި، އެހެނިހެން އަސާސީ ހިދުމަތްތައް ލިބޭން އިންތިޒާމް އެޗްޑީސީން އަންނަނީ ހަމަޖައްސަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.