މިއަދު 118 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 15،614 އަށް އަރައިފިއެވެ.
މިއީ ޖެހިޖެހިގެން ކޮވިޑަށް 100 އިން މަތިން މީހުން ޕޮޒިޓިވްވި ހަވަނަ ދުވަހެވެ.
މިދިޔަ އާދިއްތަ ދުވަހު ވަނީ ދެ މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ފުރަތަމަ ފަހަރަށް ދުވާލެއްގެ މައްޗަށް ރިޕޯޓްކުރެވުނު ކޭސްތަކުގެ އަދަދު 100 އަށް މައްޗަށް ގޮސްފަ އެވެ. އެއަށްފަހު ހޯމަ އަދި އަންގާރަ އަދި ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ވެސް އަދަދުތައް ހުރީ 100 އިން މަތީގައެވެ.
އެޗްޕީއޭއިން ހާމަކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުން މާލެ ސަރަހައްދުން އެކަނި ވެސް 87 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ރަށްރަށުން 21 މީހުން އަދި ރިސޯޓުތަކުން 10 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 2،902 ސާމްޕަލް ނަގައި، ޓެސްޓުކޮށްފައިވެއެވެ.
މައުލޫމާތުތައް ދައްކާގޮތުން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދުތައްވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރު 142 މީހަކު އެދުމަތިކޮށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ ޖުމްލައަކީ 1،492 އެވެ.
ކޮވިޑްގެ އަދަދުތައް އަނެއްކާ ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު ދީފައިވާ ބައެއް ލުއިތައް އަނބުރާ ގެނެސް ފިޔަވަޅުތައް ހަރުކަށިކުރަން ވަނީ ފަށާފައެވެ. އެގޮތުން މިހާރުވަނީ މާލެ ސަރަހައްދުގައި ރޭގަނޑު 12 އިން ފަތިހު 4 އަކަށް ކަރފިއު އިއުލާންކޮށްފައެވެ.