"އިންސާފު ކޮބާ" ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭގައި ޤާނޫނުތަކާއި ހިލާފަށް ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން 11 މީހަކު ހައްޔަރުކޮށްފި އެވެ.

ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މުޒާހަރާގެ ތެރެއިން 11 މީހަކު ހައްޔަރުކޮށްފައިވާކަން އެނގިފައިވާކަކމަށެވެ. އަދި އެކަކަށް އަނިޔާވުމުގެ ސަބަބުން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ހީނާ ވިދާޅުވި އެވެ. 

ހީނާ ވިދާޅުވި ގޮތުގައި އޭޑީކޭއަށް ގެންދެވުނު މީހާ ވަނީ ހޭނެތިފަ އެވެ. ނަމަވެސް ހޭ ނެތުނު ސަބަބެއް، އަދި ހަމަނުޖެހުން އުފެދުނު ސަބަބެއްވެސް ހީނާ ވިދާޅެއްނުވެ އެވެ.

މުޒާހަރާގެ ބައިވެރިން ކުރިއަށްގެންދިޔަ އެއްވުމަކީ ޤާނޫނާއި ހިލާފު އެއްވުމެއްކަމުން، މުޒާހަރާ ހުއްޓުވުމަށް ފުލުހުން މަަސައްކަތްކުރި އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުންގެ ސަފުތައް ފޫއަޅުވާލާފަ އެވެ. އޭގެ ސަބަބުން ފުލުހުންނަށް ބާރުގެ ބޭނުންކުރުމަށް މަޖުބޫރުވެ، ކަރުނަ ގޭސް ޖަހާފައިވެއެވެ. 

"އިންސާފު ކޮބާ" ގެ ނަމުގައި މަގުމައްޗަށް ނިކުމެ، މުޒާހަރާކޮށްފައިވަނީ މަނީލޯންޑަރކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލަ އެވެ.

މަނީ ލޯންޑަރކުރެއްވިކަމުގެ ކުށް ސާބިތުވެ، އަބްދުﷲ ޔާމީން ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީީޒްކުރައްވަމުންނެވެ. އަދި އެމަނިކުފާނު ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާވެސްކޮށްފަ އެވެ. ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމްް އަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުންވެސް ނިންމީ، އެމަނިކުފާނަކީ މަނީ ލޯންޑރކުރެއްވި ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވާ، ޖޫރިމަނާކޮށްފައިވަނީ ރަނގަޅަށްކަމަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް، ހައިކޯޓުން ދެމެހެއްޓުމާއެކު އަބްދުﷲ ޔާމީންގެ ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ސީދާ ހަރަކާތަށް ނިކުތުމަށް ފާސްކޮށްފަ އެވެ. އެޔަށްފަހު މަލޭގެ މަގުތަކަށް އެއްވެ، ފުލުހުންނާއި ކުރިމަތިލުމަށް އެމަނިކުފާނުގެ ސަޕޯޓަރުން އެތަކެއް ފަހަރު މަސައްކަތްކޮށްފައިވެއެވެ.

އެ ސިލްސިލާގެ ދަށުން ހުކުރު ދުވަހު ހަވީރު "އިންސާފު ކޮބާ" ގެ ނަމުގައި ކުރިއަށްގެންދިޔަ އިހްތިޖާޖް މާލޭގެ އިތުރުން، އަތޮޅު ތެރޭގައިވެސް ކުރިއަށްގެންގޮސްފައިވެއެވެ. މާލޭގައި މި އިހްތިޖާޖް ފަށާފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ. 

ސީދާ ހަރަކާތުގެ ނަމުގައި މަނީ ލޯންޑަރކުރެއްވި ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް އިދިކޮޅުން މަގުތަކަށް އެއްވާއިރު، ކޮވިޑްގެ ކޭސްތައް އިތުރުވެ، ފިޔަވަޅުތައް ހަރުކަށި ކުރަން ވަނީ ފަށައިފަ އެވެ. ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލޭގެ މަގުތަކަށް އެއްވެ، އިހްތިޖާޖްކުރުމަކީ މި ދުވަސްވަރު މަނާކަމެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *