"އިންސާފު ކޮބާ" ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލެ އާއި އަތޮޅު ތެރޭގައި މުޒާހަރާކޮށްފި އެވެ.
މަނީ ލޯންޑަރކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް އަދި ޕީއެންސީގެ ޕްރޮގްރެސިވް ކޯލިޝަނުން "އިންސާފު ކޮބާ" ގެ ނަމުގައި މަގުމައްޗަށް ނިކުމެ، މުޒާހަރާކޮށްފައިވަނީ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލަ އެވެ.
މަނީ ލޯންޑަރކުރެއްވިކަމުގެ ކުށް ސާބިތުވެ، އަބްދުﷲ ޔާމީން ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީީޒްކުރައްވަމުންނެވެ. އަދި އެމަނިކުފާނު ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާވެސްކޮށްފަ އެވެ. ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމްް އަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކުރުމުން އެ ކޯޓުންވެސް ނިންމީ، އެމަނިކުފާނަކީ މަނީ ލޯންޑރކުރެއްވި ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް އިއްވާ، ޖޫރިމަނާކޮށްފައިވަނީ ރަނގަޅަށްކަމަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް، ހައިކޯޓުން ދެމެހެއްޓުމާއެކު އަބްދުﷲ ޔާމީންގެ ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ސީދާ ހަރަކާތަށް ނިކުތުމަށް ފާސްކޮށްފަ އެވެ. އެޔަށްފަހު މަލޭގެ މަގުތަކަށް އެއްވެ، ފުލުހުންނާއި ކުރިމަތިލުމަށް އެމަނިކުފާނުގެ ސަޕޯޓަރުން އެތަކެއް ފަހަރު މަސައްކަތްކޮށްފައިވެއެވެ.
އެ ސިލްސިލާގެ ދަށުން ހުކުރު ދުވަހު ހަވީރު "އިންސާފު ކޮބާ" ގެ ނަމުގައި ކުރިއަށްގެންދިޔަ އިހްތިޖާޖް މާލޭގެ އިތުރުން، އަތޮޅު ތެރޭގައިވެސް ކުރިއަށްގެންގޮސްފައިވެއެވެ. މާލޭގައި މި އިހްތިޖާޖް ފަށާފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިންނެވެ.
އެއަށްފަހު އެކި ގުރޫޕުތަކަށް ބެހި، މަގުތަކުގައި އަޑުގަދަކޮށް، އަބްދުﷲ ޔާމީން މިނިވަންކުރުމަށް ގޮވާލާފައިވެއެވެ. އަދި ބައެއް ސަރަހައްދުތަކުން ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށް މަސައްކަތްކޮށްފައިވެއެވެ. އޭގެއިތުރުން އިހްތިޖާޖްގެ ބައިވެރިން ވަނީ ބަންދުކޮށްފައިވާ ބައެއް ސަރަހައްދުތަކަށް ވަނުމަށް މަސައްކަތްކޮށް އަމަން ނަގާލުމަށް އުޅެފަ އެވެ.
ސީދާ ހަރަކާތުގެ ނަމުގައި މަނީ ލޯންޑަރކުރެއްވި ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް އިދިކޮޅުން މަގުތަކަށް އެއްވާއިރު، ކޮވިޑްގެ ކޭސްތައް އިތުރުވެ، ފިޔަވަޅުތައް ހަރުކަށި ކުރަން ވަނީ ފަށައިފަ އެވެ. ރާއްޖޭގައި އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މާލޭގެ މަގުތަކަށް އެއްވެ، އިހްތިޖާޖްކުރުމަކީ މި ދުވަސްވަރު މަނާކަމެކެވެ.