އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ފުވައްމުލަކު ސިޓީގެ 'އެވެއަރ ސޮސައިޓީ' ޖަމްއިއްޔާ ގުޅިގެންނެވެ. މިއީ 'ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕް' ގެ ނަމުގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ފެށުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ވަނީ ރާއްޖޭގެ އެކި ރަށްތަކުގައި ޖަމްއިއްޔާތަކުގެ ކެޕޭސިޓީ އިތުރުކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށް ހާމަކުރައްވާފައެވެ.
މިއީ މަދަނީ ޖަމިއްޔާތަކުގެ އިދާރީ ހިންގުން ހަރުދަނާކުރުމަށް އަމާޒުކުރެވިގެން ކުރިޔަށް ގެންދާ ވޯކްޝޮޕެއް ކަމަށްވާއިރު މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަން ހަމަޖެހިފައިވަނީ އެކިއެކި ގްރާންޓް ޕްރޮގްރާމްތަކަށް ޕްރޮޕޯސަލް އެކުލަވާލާނެ ގޮތްތަކުގެ މައްޗަށެވެ. ޔޫތު މިނިސްޓްރީއިން ދާދިފަހުން މަދަނީ ޖަމްއިއްޔާތަކަށް މާލީ އެހީ ލިބޭ ޕްރޮގްރާމެއް ވެސް އިއުލާންކޮށްފައެވެ. އަދި އެ ޕްރޮގްރާމަށް ހުށަހެޅުންތައް ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ.
ފުވައްމުލައް ސިޓީގައި ކުރިޔަށް ގެންދާ ޕްރޮގްރާމްގައި 18 ޖަމިއްޔާއަަކުން 32 ފަރާތެއް ބައިވެރިވެފައިވެއެވެ.