ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ސަރުކާރުން މާލޭގައި އިމާރާތްކުރި ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވަނީ ބޭނުންވާ ފަރުނީޗަރު ނެތުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
މިސްކިތް ހުޅުވަން މީގެ ކުރިން އެތައް ތާރީހުތަކެއް ކަނޑައެޅިއެވެ. މިހާ ގިނަ ދުވަސްވެގެންދާއިރު މިސްކިތް ނުހުޅުވޭ ސަބަބު ހޯދަން އިދިކޮޅު ފަރާތްތަކުންވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ މިސްކިތް ލަސްވާ ސަބަބާއި މެދު ސުވާލު އުފައްދަވާފައި އެވެ.
މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ މިސްކިތް ހުޅުވުމުގެ ކަންތައް މަޑުޖައްސާލީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ކަމަށެވެ.
''ޖަޒީރާ'' އާ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރު ނިމިގެން ދިޔައިރު މިސްކިތަށް ބޭނުންވާ ތަކެތި ގަންނަން އެއްވެސް ޕްލޭނެއް އެކުލަވާލާފައި ނެތް ކަމަށެވެ. ބޭނުންވާ ފަރުނީޗަރާއި، އެހެނިހެން ތަކެތި ހޯދަން ޕްރޮޕޯސަލް އެއް އެކުލަވައިލައިފައި ވަނީ މި ސަރުކާރު އައުމަށް ފަހު ކަމަށް ވިދާޅުވި އެވެ. ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މިނިސްޓްރީން ބޭނުންވަނީ ހުރިހާ ސާމާނެއް ހަމަކުރުމަށް ފަހު މިސްކިތް ހުޅުވުން ކަމަށެވެ.
''ބޭނުންވާ ފަރުނީޗަރު ނެތް. ފޮޅައި ސާފުކުރާ ސާމާނެއް ނެތް. ތޮށިގަނޑު ހަމައެކަނި ހުރި އިމާރާތެއް އެއީ. ފަރުނީޗަރު ގެންނަން އެކުލަވާލާފައިވާ ޕްލޭނެއް ނެތް'' ޑރ. އަހުމަދު ޒާހިރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ފަރުނީޗަރު ގަންނަން ގާތް ގަނޑަކަށް މިލިއަނެއްހާ ޑޮލަރު ހަރަދުވާނެ ކަމަށާއި، ތައްޔާރުކުރި ޕްރޮޕޯސަލް އަށް ބޭނުންވާ ފައިސާ ހޯދަން މިހާރު ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ސަރުކާރުން ފައިސާ ހަމަޖެއްސުމުން މިނިސްޓްރީން ފަރުނީޗަރު ގެންނަން ބަޔަކަށް ހަވާލުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، އަންނަ ރޯދަ މަހަށް މިސްކިތް ހުޅުވޭވަރު ވާނެ ކަމަށެވެ.
''ސީދާ ތާރީހެއް ދަންނަވަން ދަތި. އެކަމަކު މަސައްކަތް އެބަކުރަނީ ރޯދަ މަހަށް ހުޅުވާލެވޭތޯ'' މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު ކޮވިޑްގެ މި ހާލަތުގައި ސަރުކާރުން އެހާ ބޮޑު އަދަދެއްގެ ފައިސާ އެއް ލިބޭނެ ގޮތާއި މެދު ޑރ. އަހުމަދު ޒާހިރު ސުވާލު އުފެއްދެވިއެވެ.
ކިންގް ސަލްމާން މިސްކިތުގައި އެއްފަހަރާ 6،000 މީހުންނަށް ނަމާދު ކުރެވޭ އިރު، އެ މިސްކިތުގެ ދެ ފަންގިފިލާގައި 4،800 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ އެވެ.