ތިން ގައުމެއްގެ، ފޮރިން މިނިސްޓަރުންނާއި، ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.

އެގޮތުން އިއްޔެ ޝާހިދު ފޯނުން ވާހަކަ ދެއްކެވީ ސިއޭރަލިއޯންގެ ފޮރިން މިނިސްޓަރު ނަބީލާ ތޫނިސް، މެލޭޝިއާގެ ފޮރިން މިނިސްޓަރު ހިޝާމުއްދީން ހުސެން އަދި ބްރޫނާއީ ދާރުއްސަލާމްގެ ފޮރިން މިނިސްޓަރު ދާތޯ އެރިވަން ޔޫސުފް އާއެވެ. 

ވަކިވަކިން ކުރެއްވި މި ފޯންކޯލްތަކުގައި އެޤައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަޤްވާމީ މަސްރަހުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ޝާހިދު މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ،

މީގެ އިތުރުން ނިމިދިޔަ ހަފްތާގައި މިނިސްޓަރ ޝާހިދު ވަނީ ބޭރުގެ ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު ވަރޗުއަލް ބައްދަލުވުންތަކެއް ބާއްވަވާފައެވެ. އެގޮތުން ޔޫރަޕްގެ އިއްތިހަދުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑެނިސް ޗައިބީއާއި ބައްދަލުކުރައްވައި، ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓްތަކަށް ބޭރުކުރުމުގައި ފަސޭހަ ގޮތްތަކެއް ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ހަމައެއާއެކު ތިމާވެއްޓާއި ކައުންޓަރޓެރަރިޒަމްގެ ދާއިރާއިންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ފްރާންސުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެވަރޓޫ އެރިކް އާއިވެސް ޝާހިދު ނިމިދިޔަ ހަފްތާގައި ބައްދަލުކުރައްވައި، މޫސުމީ ބަދަލުތަކާއި ކައުންޓަރ ޓެރަރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އިތުރުން، ރާއްޖޭގެ މަހުގެ ބާވަތްތައް ޔޫރަޕްގެ މާކެޓަށް ބޭރުކުރެވޭނެ އިތުރު މަގުތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ނިމުނު ހަފްތާގައި މިނިސްޓަރ ޝާހިދު ވަނީ އެމެރިކާ އަދި އެސްޓޯނިއާގެ އާ ހާރިޖީ ވަޒީރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ހާރިޖީ ވަޒީރަށާއި، އޮސްޓްރޭލިއާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެގައުމުގެ ޚާރިޖީ ވަޒީރަށްވެސް ޝާހިދު ތަހުނިޔާގެ މެސެޖް ފޮނުއްވިއެވެ.

ކޮވިޑް-19 ގެ ޕެންޑެމިކްގެ ސަބަބުން ބައިނަލްއަގްވާމީ ދަތުރުފަތުރަށް ހުރަސްތަކެއް އެޅިފައިވީނަމަވެސް، މެދުކެނޑުމެއް ނެތި އެކުވެރި ގައުމުތަކުގެ ވެރިންނާއި އަދި ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާޢަތްތަކުގެ ވެރިންނާއެކު ޝާހިދު ގެންދަވަނީ މަޝްވަރާކުރައްވައި، ގުޅުން ބަދަހިކުރައްވަމުންނެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.