ހަގީގީ ބާއްޖަވެރިކަން ހޯދަން އެންމެ މުހިއްމު އަސާސުކަމުގައިވާ އީމާންކަމާއި ކިޔަމަންތެރިކަމުގައި ދެމި ތިބުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވައިލިައިފިއެވެ.
''ހަގީގީ ބާއްޖަވެރިކަމުގެ'' މައުޝޫއަށް ހާއްސަކޮށް އިއްވި ހުތުބާގައި ބުނީ، ކޮންމެ މީހަކުވެސް އެންމެ ބޮޑަށް މަސައްކަތް ކުރަނީ އުފާވެރި، ބާއްޖަވެރި، ދިރިއުޅުމެއް ހޯދުމަށް ކަމަށެވެ.
އުފާވެރިކަމާއި ބާއްޖަވެރިކަމަކީ އަގު ދީފައި ގަނެވޭނެ އެއްޗެއް ކަމުގައި ވީނަމަ، އެކަން އެންމެންވެސް ކުރާނެ ކަމަށް ހުތުބާގައި ބުންޏެވެ. އެހެންކަމުން ބާއްޖަވެރިކަމަކީ ކޮބައިކަން ދެނެގަންނާނީ ކިހިނެއްތޯ ހުތުބާގައި ސުވާލު އުފެއްދިއެވެ. ހުތުބާގައި ބުނީ، މީސްތަކުންގެ ހިޔާލާއި ފިކުރު ތަފާތުވެފައިވާ ފަދައިން ބާއްޖަވެރިކަން މާނަކުރުމުގައި އެކި މީހުންގެ ވިސްނުން ތަފާތު ކަމަށެވެ.
''އެއްބަޔަކު ދެކޭ ގޮތުގައި ބާއްޖަވެރިކަމަކީ މުއްސަނދިކަން. ނުވަތަ އެންމެ ބޮޑަށް ބޭނުންވާ އެއްޗެއް ހާސިލުވުން ނުވަތަ މަތީ މަގާމަކާ ހަމަޔަށް ވާސިލުވުން. ނުވަތަ އެކި ރޮނގުރޮގުން ކާމިޔާބީތައް ހާސިލުވުން'' ހުތުބާގައި ބުންޏެވެ.
މުދާވެރިވުމަކީ ހަމައެކަނި ބާއްޖަވެރިކަމެއް ކަމުގައިވީނަމަ، ގާރޫނަކީ އެންމެ ބޮޑު ބާއްޖަވެރިޔާ އަށް ވާނެކަމަށް ސުވާލު އުފައްދަމުން ގާރޫނާ ބެހޭ ގޮތުން ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ ހުތުބާގައި ހަނދާން ކޮށްދިނެވެ.
''އޭނާ އެއުރެންގެ މައްޗަށް ބޮޑާވެގަތެވެ. ތިމަން ރަސްކަލާގެ އޭނާ އަށް ގިނަވެގެންވާ ހަޒާނާތައް ދެއްވީމެވެ. އޭނާގެ ގައުމުގެ މީހުން އޭނާ އަށް ބުނި ހިނދެވެ. އުފާ ނުކުރާށެ. ހަމަކަށަވަރުން ބޮޑާވުމުގެ ގޮތުން އުފާކުރާ މީހުންދެކެ ﷲ ލޯބިވޮޑިގެނެއް ނުވެއެވެ.'' ހުތުބާ ގައި އިއްވީ ﷲ ގެ ވަހީ ބަސްފުޅެއްގެ މާނާގައިވެއެވެ.
ހުތުބާގައި ބުނީ، ހަގީގީ ބާއްޖަވެރިކަމަކީ ﷲ އަށް އިމާންވެ އެކަނލާގެ އެންގެވި ގޮތް އިހްތިޔާރުކޮށް ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވުން ކަމަށެވެ. އީމާންކަމަކީ މީހާކުރާ އުއްމީދަކުން ހާސިލުކުރެވޭނެކަމެއް ނޫން ކަމަށާއި، އެއީ ނުހަނު ވަރުގަދައަށް ހަރުލައި، ޢަމަލުން އެކަމުގެ ތެދުކަން ސާބިތުކޮށް، ދެއްކުމުން ހާސިލުވާނެ ކަމެއްކަން ހުތުބާގައި ބުންޏެވެ.
ﷲ އަށް އީމާންވުމުގެ މާނައަކީ، އެކަލާނގެއީ އެއްކައުވަންތަ އިލާހު ކަމާއި، ބައްލަވައިވޮޑިގަންނަވާ، އަދި އައްސަވައިވޮޑިގަންނަވާ ރަސްކަލާނގެ ކަމާއި، އަޅުކަމެއް ވެވޭއެހެން އިލާހަކު ނުވާކަން ހިތުންކަލާނގެ މެނުވީ، ހައްގުވެގެން ތެދުކޮށް، ކަށަވަރުކޮށް، ގަބޫލުކުރުން ކަމަށް ހުތުބާގައި ހަނދާން ކޮށްދިނެެވެ.
ބާއްޖަވެރި ކަމުގެ އަސާސް ތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއްކަމަކީ ނަމާދަށްވާއިރު، ނަމާދު މަތިން ހަނދާން ނައްތާލައި ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވިޔަސް ބާއްޖަވެރިކަން ނުލިބޭނެކަން ހުތުބާގައި ހަނދާން ކޮށްދިނެވެ.
ހަގީގީ ބާއްޖަވެރިކަމުގެ އަސާސު ގައި ހިމެނޭ އީމާންތެރިކަމާއި ކެތްތެރި ކަމުގެ މަތީގައި ކުރިޔަށް ދިޔުމަށް ހުތުބާގައި ވަނީ ވަސީޔަތް ކޮށްފައެވެ.