ކޮވިޑް-19 ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދިނުމުން، ރާއްޖޭގެ އެންމެ ގިނަ އަދަދެއްގެ ޑޮކްޓަރުން ތަމްސީލު ކުރާ ޖަމިއްޔާއިން، މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން މަރުހަބާ ކިޔައިފިއެވެ.
ކޮވިޝީލްްޑް ވެކްސިން ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މި މަހުގެ 26 ވަނަ ދުވަހު ދީފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ރޭ ނެރެނު ބަޔާނުގައި ވަނީ ބުނެފައވެ. މި ވެކްސިން ބޭނުންކުރުމުގެ ހުއްދަ އޮތޯރިޓީން ދީފައިވަނީ، މި ކަމުގައި ބަލަންޖެހޭ ޓެކްނިކަލްކަންކަން ފުރިހަމައަށް ބަލައި ދިރާސާކުރުމަށްފަހު، އޮތޯރިޓީއަށް ފަންނީ ލަފާދޭ ޓެކްނިކަލް ބޯރޑު ކަމުގައިވާ ނޭޝަނަލް ފާރމަސޫޓިކަލް ބޯޑުގެ ލަފަޔާ މަޝްވަރާއާއި އެކުގައި ކަމަށް އެމްއެފްޑީން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންއަށް ހުއްދަ ދޫކޮށްފައި ވަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ބޭނުން ކުރުމަށެވެ. އަދި މި ވެކްސިން މާބަނޑު މީހުން ބޭނުންކުރުމުގެ ހުއްދަދެވިފައިނުވާނެކަމަށެވެ.
އެމްއެފްޑީގެ ނިންމުމަށް މަރުހަބާ ކިޔަމުން މެޑިކަލް އެސޯސިއޭޝަނުން ނެރުނު ބަޔާނުގައި ވަނީ، ވީހާވެސް އަވަހަކަށް ބަލީގެ ނުރައްކާ ބޮޑު މީހުންނަށާއި، ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ވެކްސިން ދޭން ފަށަން ގޮވާލާފައެވެ.
މި ވެކްސިންއަކީ ދިވެހިރާއްޖޭގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ މި ޙާލަތުގައި ބޭނުންކުރުމުގެ ހުއްދަދީފައިވާ ފުރަތަމަ ވެކްސިންއެވެ. ދުނިޔޭގެ ސިއްހތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އިން އަދި ބައިނަލްއަގްވާމީ އުސޫލުތަކުގެ ދަށުން ހެލްތް އެމެޖެންސީ ހާލަތުގައި ބޭނުންކުރުމަށް އައު ވެކްސިންތަކަށް ހުއްދަ ދޫކުރެވޭ މިންގަނޑުތަކަށް ރާއްޖޭގައި ކޮވިޝީލްޑް ބްރޭންޑްގެ ވެކްސިންއަށް ހުއްދަ ދިނުމުގައި ފުރިހަމައަށް ރިއާޔަތްކޮށްފައިވާނެ ކަމަށް އެފްޑީއޭއިން ބުންޏެވެ.
އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާ (އެސްއައިއައި) އިން އުފައްދާފައިވާ މިވެކްސިން ވަރަށް އަވަހަށް ޖަހަން ފަށާނެ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.