ނިމުނު ހަފްތާގެ ތެރޭގައި ކެންސަރ ހޮސްޕިޓަލް މަޝްރޫއާ ގުޅިގެން އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރ (ޓީއެމްސީ) ގެ މަންދޫބުންގެ ޓީމް ވަނީ ލ. ގަމުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ.  އިންޑިއާ ޓީމުން ވަނީ ގަމު ކައުންސިލާ ބައްދަލުކޮށް، މި މަޝްރޫއު ކުރިއަށް ގެންދާނެ ގޮތާއި، މި މަޝްރޫއާއެކު ގަމަށް އަންނާނެ ތަރައްގީއާ ބެހޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ރަށުގައި ހުރި ހިދުމަތްތަކާ ބެހޭ މައުލޫމާތު ވެސް އިންޑިއާ ޓީމުން ވަނީ ސާފު ކޮށްފައެވެ.

ދުވަހެއް ދުވަހަކަށް ރާއްޖޭގައި ކެންސަރު ބަލިޖެހޭ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު ކެންސަރު ބަލީގެ ފަރުވާއަށް އާސަންދައިން 1029 މީހަކު ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އަދި 2019 ވަނަ އަހަރު އެ އަދަދު 1417 އަށް މި އަދަދު ވަނީ އިތުރުވެފަ އެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ކެންސަރު ބަލި ގިނަވެ، އަހަރަކު 400 ވުރެން ގިނަ މީހުންގެ ގައިން ކެންސަރު ބަލި އަލަށް ދެނެގަނެވެއެވެ. ރާއްޖޭގެ 3 ވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީވެސް ކެންސަރު ބަލިއެވެ. ނަމަވެސް މިހާރު ކެންސަރު ބައްޔަށް ފަރުވާ ދެވޭނީ ސަރުކާރު އަދި އަމިއްލަ މަދު ހޮސްޕިޓަލް ތަކުގައެވެ. ބޮޑެތި ތަހުލީލުތައް އަދި ބިލީގެ ތަފްސީލު ދެނެގަނެ، ރޭޑިއޭޝަންދީ، ބައެއް އޮޕަރޭޝަން ކުރަން ދާން ޖެހެނީ ރާއްޖެއިން ބޭރަށެވެ.

ކެންސަރުގެ ނުރައްކާ ބޮޑުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ވަނީ ކެންސަރު ހޮސްޕިޓަލެއް ޤާއިމްކުރުން ހިމަނާފަ އެވެ. ކުރިން ހުޅުމާލޭގައި ޤާއިމްކުރުމަށް ނިންމިނަމަވެސް، އަތޮޅުތެރެއަށް ސިއްހީ ދާއިރާގެ ކަންކަން ބަހާލައި، ސިއްހީ ނިޒާމް ވަރުގަދަކުރުމުގެ މަސައްކަތުގެ ތެރެއިން ހޮސްޕިޓަލް އެޅުމަށް ފަހުން ނިންމީ ލ. އަތޮޅު ގަމުގަ އެވެ. އެކަމަށް މިއަހަރުގެ ބަޖެޓުގައި ފައިސާވެސް ހިމަނާފައިވެއެވެ. އެގޮތުން މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެކްސިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

މި މަޝްރޫގެ ދަށުން ލ. ގަމުގައި ދުނިޔޭގެ ފެންވަރުގެ ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ކެންސަރު ބަލީގެ ތަހުލީލުތައްކޮށް، ބަލި ދެނެގަނެ، ފަރުވާ ދީ އަދި ކެންސަރު ބަލި މީހުންނަށް ބޭނުންވާ ރިހެބިލިޓޭޝަން ވެސް ފޯރުކޮށްދޭނެއެވެ. އެ ހޮސްޕިޓަލް ހުޅުވުމުން ގަމަށް މެޑިކަލް ޓުއަރިޒަމް ވެސް ތައާރަފު ވެގެންދާނެއެވެ. އަދި ރާއްޖޭގައި ތިބި ކެންސަރު ޖެހިފައިވާ މީހުންގެ ރަޖިސްޓަރީއެއް އެކުލަވާލާނެއެވެ.

އެ މަޝްރޫގެ ދަށުން، ކެންސަރު ބައްޔަށް ފަރުވާ ދިނުމާ ބެހޭ ތަމްރީނު ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދާނެއެވެ. އެގޮތުން ނަރުހުންނާއި، ޑޮކްޓަރުންނާއި ޓެކްނީޝަނުންނާއި އެހެން މުވައްޒަފުން ހިމެނޭ ގޮތަށް ސިއްހީ ދާއިރާގެ 250 މުވައްޒަފުން ތަމްރީނު ކުރާނެއެވެ.

އިންޑިއާގެ ޓާޓާ މެމޯރިއަލް ސެންޓަރ (ޓީއެމްސީ) ގެ ޓީމުން ވަނީ ޕްރިލިމިނަރީ ސާރވޭ ހަދާ، ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ބަލާފައެވެ.

ޓީއެމްސީ އަކީ އިންޑިޔާގެ ގައުމީ ފެންވަރުގައި ކެންސަރު ބަލި ހުއްޓުވަން މަސައްކަތްކޮށް، ފަރުވާދީ، ތަމްރީނު ޕްރޮގްރާމް ހިނގާ އަދި ކެންސަރު ރިސާރޗް ހަދާ އިންޑިއާގެ މައި ކެންސަރު ސެންޓަރެވެ. އަހަރަކު 30,000 އާ ބަލިމީހުން އެ ހޮސްޕިޓަލުގައި ފަރުވާ ހޯދައެވެ. 8500 ބޮޑެތި އޮޕަރޭޝަން ކުރެވި، 5000 ބަލި މީހުންނަށް ރޭޑިއޭޝަން އަދި ކީމޯތެރަޕީ ދެވެއެވެ.

އިންޑިއާ ރާއްޖޭގެ ގުޅުމުގެ ތެރޭގައި ހިމެނޭ ސިއްހީ ދާއިރާ ކުރިއެރުވުމަާއި ފެންވަރު އިތުރުކުރުމުގެ ދެބައިވެސް މި މަޝްރޫގެ ތެރޭގައި ހިމެނެއެވެ. މި ގުޅުމުގެ ދަށުން ހަމައެކަނި ހަރުމުދާ އުފެއްދުމުގެ އިތުރުން އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ވެސް އިސްކަންދެއެވެ. ޓީއެމްސީ އާއި ރާއްޖޭގެ ހެލްތު މިނިސްޓްރީ އިސްވެރިން ބައިވެރިވެ ކެންސަރު ހޮސްޕިޓަލްއަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމުގެ މަޝްވަރާ ދަނީ ކުރެވެމުންނެވެ. އަދި ހޮސްޕިޓަލު ބިނާކޮށް ނިމެންވާއިރަށް  ހިންގަން ފެށޭނެ ގޮތަށް ރޭވިގެންނެވެ.