ދިވެހި ފުލުހުންނަކީ، ދިމާވާ ކޮންމެ ދަތި ހާލެއްގައި އަމިއްލަ ނަފްސާއި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ރައްޔިތުންގެ ހައްގުގައި ނުކުތުމަށް ހުވާކޮށްގެން އެކަން ސާބިތުކޮށްދެމުންދާ ބައެއް ކަމަށާއި، ޔުނީފޯމް ގައި ތިބޭ ކޮންމެ ފުލުހަކަށް އިހްތިރާމް ކުރަން ޖެހޭ ކަމަށް ވިދާޅުވެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފުލުހުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.
ފުލުހުންނަށް އިހްތިރާމް ކުރަން ޝަހީދު ރައްޔިތުންނަށް ބާރު އެޅުއްވީ ވ ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވާ އިއްޔެ ވާހަކަ ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ، ކެޔޮދޫގައި ހުޅުވިގެންދިޔަ ޕޮލިސް ޕޯސްޓަކީ އެރަށުގެ ލޮބުވެތި ރައްޔިތުން އަބަދުވެސް ރިއާޔަތްކުރަން ޖެހޭނެ ކަމަށެވެ. ފުލުހުން ހިދުމަތް ކާމިޔާބު ވެގެންދާނީ ރައްޔިތުން އެހިދުމަތް ބަލައިގަތް މިންވަރަކުން ކަމަށާއި، އެކަން ކާމިޔާބުވާނީ ހުރިހާ ރައްޔިތުން ބައިވެރިވާ ނިސްބަތުން ކަމަށް ވިދާޅުވިއެވެ.
''ކެޔޮދޫގެ ރައްޔިތުންނަށް އަޅުގަނޑުގެ އިލްތިމާސްއަކީ ތިޔަ ބޭފުޅުން މިއަދު މިފެށޭ ޚިދުމަތް ނިކަން ރަނގަޅަށް ޤަބޫލުކުރައްވައި، ބަލައިގަނެ، މިރަށުގައި ގާއިމްވެތިބޭ ފުލުހުންނާއެކުގައި މަސައްކަތް ކުރެއްވުމަށް ފައްޓަވާށޭ.'' ޝާހިދު ވިދާޅުވިއެވެ.
ކެޔޮދޫ ރައްޔިތުންނަށް ތައުރީފް ކުރައްވައި ޝާހިދު ވިދާޅުވީ، އެ ރަށަކީ އެކުވެރިކަމުގެ އެންމެ ވަރުގަދަ އެއް ރޫހު އޮންނަ ރަށެއް ކަމަށާއި، އެރަށުން ފުލުހުންގެ ހިދުމަތް ފުރިހަމައަށް ބަލައިގަންނާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
''އަދި ހަމައެއާއެކު މިރަށުގެ ތެރޭގައި ދެން ނޫ ކުލައިގެ ޔުނިފޯމްގައި ފެނިވަޑައިގަންނަވާނެ ފުލުހުން.. ފެނިވަޑައިގަންނަވާ ކޮންމެ ވަގުތަކު – އަ ޔުނިފޯމްގައި ފެންނަ ކޮންމެ ފުލުހަކަށް އަޅުގަނޑުމެން އިހްތިރާމްކުރަން ޖެހެނީ އެސަބަބަށްޓަކައި.'' ޝާހިދު ވިދާޅުވިއެވެ.
ކޮވިޑްގެ ނުރައްކާތެރި ވަބާގެ ދުވަސްވަރުގައިވެސް އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހި ރާއްޖޭގެ ފުލުހުންވި ގުރުބާނީ އަބަދުވެސް ހަނދާން ކުރަން ޖެހޭކަން ޝާހިދު ފާހަގަކުރެއްވިއެވެ.