ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ގޭބަންދު ކުރައްވާފައިވާ އިގްރާރާ ހިލާފުވެފައިވާ ކަމަށާއި، އެމަނިކުފާނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން މިއަދު ގޭބަންދާ ހިލާފަށް އަމަލުކުރައްވާފައިވާ މައްސަލަ ބަލައި، އެމަނިކުފާނުގެ މައްޗަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އެމަނިކުފާނު އިގްރާރާ ހިލާފުވެފައިވާ ކަމަށްވެސް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް. އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނަން.
— Ahmed Mohamed (@ahumadhumohamed) September 10, 2021
އިދިކޮޅު ކޯލިޝަނުން "އިންސާފު ހޯދުން" ނަމުގައި މިއަދު މާލޭގައި ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުން ރައީސް ޔާމީން ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ކުޑަ ދޮރުން ބޭރު ބައްލަވާ، އަތްޕުޅުން ހަނާއަޅުއްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޕީޕީއެމް ދިދައަކާއި، ގައުމީ ދިދައެއްވެސް ހިއްޕަވައިގެން ކުޑަދޮރު ބޭރުގައި ވިހުރުވައިލައްވާ ސަޕޯޓަރުންނަށް ހިތްވަރު ދެއްވާފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާއެކު، އެމަނިކުފާނުގެ މައްޗަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވާ، 5 މިލިއަން ޑޮލަރުން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި އެމަނިކުފާނުގެ ކޮރަޕްޝަންގެ މައްސަލަތަކުގެ ޝަރީއަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ. އަދި ތަހުގީގު ނުނިމި ދައުވާ ނުކުރާ މައްސަލަތައް ވެސް އެބަތިއްބެވެ.
ރައީސް ޔާމީން މިވަގުތު ގޭބަންދުގައި ހުންނެވީ ޖަލުގައި ތިބި ހައި ރިސްކު މީހުން ގެއަށް ބަދަލުކޮށް ދިން ލުއިތަކުގެ ތެރެއިންނެވެ.
[…] […]