ގަވައިދާ ހިލާފުވެއްޖެނަމަ ޖޫރިމަނާކުރެވޭގޮތަށް، މުވައްޒިފުން ބައިތިއްބާ ތަންތަނުގެ މިންގަނޑުތައް ބަޔާންކޮށް ގަވައިދެއް އެކުލަވާލާ ގެޖެޓްކޮށްފި އެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެކުލަވާލާ ގެޖެޓްކޮށްފައިވާ އެ ގަވައިދާކީ ވަޒީފާދޭ ފަރާތުން، އެ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް، ނުވަތަ ނިދުމަށް ހަމަޖައްސާ ތަންތަނާއި، އެ ތަންތަނުގެ ޒަރޫރީ ބޭނުންތަކަށް, އެ ތަންތަނުގައި ހުންނަންޖެހޭ ވަސީލަތްތަކާއި އެހެނިހެން ކަންކަމުގެ އާންމު މިންގަނޑުތައް ބަޔާންކުރާ ގަވާއިދެވެ. އަދި މި ގަވާއިދަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ75-1 ގެ (ނ) ގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.
ގަވައިދުގައި ބުނެފައިވާގޮތުން މި ގަވާއިދުގެ ޖަދުވަލު 1 ގައި ބަޔާންކުރާ އާންމު މިންގަނޑުތަކަށްވުރެ އިތުރަށް އެއްވެސް ޙައްޤެއް ނުވަތަ އިނާޔަތެއް މުވައްޒަފުންނަށް ލިބިދެވޭނެގޮތަށް، ވަޒީފާދޭ ފަރާތުން "އެކަމަޑޭޝަން" ހަމަޖައްސައިދިނުމަކަށް މި ގަވާއިދު ހުރަސް ނާޅާކަމަށެވެ. އަދި ގަވާއިދުގައި ބަޔާންކުރާ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތައް، -/2،000 (ދެހާސް) ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިޚްތިޔާރު، މިނިސްޓްރީއަށް ލިބިގެންވާކަމަށް ބުނެފައިވެއެވެ.
މި ގަވައިދުގައި ވަނީ މުވައްޒިފުން ބައިތިއްބާ ތަންތަނުގެ ސަލާމަތީ ކަންކަން ހުންނަންޖެހޭނެގޮތާއި، ބޮޑުމިނާއި، ވައި ދައުރުކުރުމާއި، ފާހަނަތަކުގެ ސާފުތާހިރުކަމާއި، ކެއިންބުއިމުގެ އިންތިޒާމްތަކާއި، ފެނުގެ ހިދުމަތާއި، ނަރުދަމާގެ ހިދުމަތް ލިބިގެން ހުންނަންޖެހޭ މިންގަނޑުތައް ކަނޑައަޅާފަ އެވެ. އަދި ކުނި ނައްތާލުމާއި، އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމަށް ޤާއިމްކޮށްފައިވާ ވަސީލަތްތަކާއި، ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް ބަޔާންކޮށްފަ އެވެ.
ގަވައިދުގައި ބުނެފައިވާގޮތުން ގަވާއިދަށް އަމަލުކުރަން ފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައިޝާއިޢުކުރާތާ 6 (ހައެއް) މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.